
ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަ ހޯދައިފި
# ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޭރު ދުނިޔޭގެ ކުޅިވަރު# ސަލްޒްބާގް# ރެއާލް މެޑްރިޑްރެއާލް މެޑްރިޑާއި ސަލްޒްބާގް ވާދަކުރި މެޗުގެ ތެރެއިން .
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ސަލްޒްބާގު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް މެޑްރިޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ޕަޗޫކާ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ސަލްޒްބާގު ގެ ފުރަތަމަ މެޗުގައި ޕަޗޫކާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވިއިރު، އަލް ހިލާލް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީސިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިނީސިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑަރީކޯ ވަލްވާޑޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ސަލްޒްބާގުން ވަނީ ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ރެއާލްގެ ތިންވަަނަ ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނޫ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ސަލްޒްބާގު ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ބްރެޒިލްގެ ފްލޫމިނެންސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފި

ކުލަބު ވޯލްޑްކަޕް: އިންޓަ މިއާމި އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަ ހޯދައިފި
