
ކުލަބު ވޯލްޑްކަޕް: ރެއާލް އަތުން ބަލިވެ ޕަޗޫކާ މުބާރާތުން ކަޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޕަޗޫކާ# ފީފާ ކުލަބު ވޯލްޑްކަޕް 2025# ރެއާލް މެޑްރިޑްރެއާލް މެޑްރިޑާއި ޕަޗޫކާ ވާދަކުރި މެޗުގެ ތެރެއިން .
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗްގައި މިރޭ, މެޗުގެ ބޮޑުބައިގައި 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް މެޑްރިޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެ ޕަޗޫކާ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޕަޗޫކާގެ ފުރަތަމަ މެޗުގައި ސަލްޒްބާގް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން 2024 ވަނަ އަހަރު ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނައަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗުގެ ބާކީބައި ރެއާލް މެޑްރިޑުން ފުރިހަމަ ކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
ނަމަވެސް މިހާފުގައި ރެއާލް މެޑްރިޑުން ޕަޗޫކާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި އަށް މިނެޓުފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޒުވާން މިޑްފީލްޑަރު އަރޑާގުލާ އެވެ.
މިލަނޑާއެކު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެން ފުރަތަމަ ހާފުގެ ކުޅުން ނިމުނު ނަމަވެސް މިހާފުގައި ޕަޗޫކާ އިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ކައުންޓާ އެޓޭކުތަކުގައި ޕަޗޫކާ އިން ވަނީ ރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ރެއާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ އެވެ.
ޕަޗޫކާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އެލިއަސް މޮންޓިއަލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ރެއާލް މެޑްރިޑް މިވަގުތު އޮތްއިރު، ކުޅުނު ދެމެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި ޕަޗޫކާ ވަނީ މުބާރާތުން ކަޓާފައެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: އިންޓަ މިއާމި އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަ ހޯދައިފި

ކުލަބް ވޯލްޑްކަޕް: ޔުވެންޓަސް އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް
