
ކުލަބް ވޯލްޑްކަޕް: މެމްލޯޑީ ސަންޑައުންސް އަތުން ޑޯޓްމަންޑަށް އުނދަގޫ މޮޅެއް
# މެމްލޯޑީ ސަންޑައުންސް# ބޮރޫޝިއާ ޑޯޓްމަންޑް # ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޭރު ދުނިޔޭގެ ކުޅިވަރުމެމްލޯޑީސަންޑައުންސް އާއި ބޮރޫޝިޔާ ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން..
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި ރޭ ސައުތު އެފްރިކާގެ މެމްލޯޑީ ސަންޑައުންސް އިން ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން މޮޅުވެ ބޮރޫޝިޔާ ޑޯޓްމަންޑުން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި ޑޯޓްމަންޑް ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލްގެ ފްލެމިނެންސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މެމްލޯޑީ ސަންޑައުންސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ސައުތު ކޮރެއާގެ އުލްސާން އެޗްޑީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެމްލޯޑީސަންޑައުންސް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ. އަދި މެޗު ދެވަނަ ހާފުގައި މޮޅަށްކުޅެ މެމްލޯޑީސަންޑައުންސް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު މިހާފުގައި ޑޯޓްމަންޑް އިން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޑޯޓްމަންޑްގެ ސެރްހޫ ގްރާސީ، ފެލިކްސް މަކާ، ޖޯބް ބެލިންހަމް މިއިން ކޮންމެ ކުޅުންތެރިޔަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ މެމްލޯޑީސަންޑައުންސްގެ ޑިފެންޑަރު ޚުލިސޯ މުޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިމެޗުގައި މެމްލޯޑީސަންޑައުންސްގެ ލޫކަސް ރިބެއިރޯ ކޯސްޓާ، އިކްރާމް ރޭނަރސް އަދި ލެބޯ މޮތިބާ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޯބް ބެލިންހަމް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ޑޯޓްމަންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި މެމްލޯޑީސަންޑައުންސް ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: އިންޓަ މިލާން އަތުން ބަލިވެ އުރެވާ ރެޑްސް މުބާރާތުން ކަޓައިފި

ކުލަބް ވޯލްޑްކަޕް: މެމްލޯޑީ ސަންޑައުންސް އަތުން ޑޯޓްމަންޑަށް އުނދަގޫ މޮޅެއް

ކުލަބު ވޯލްޑްކަޕް: ފަހަތުން އަރައި ފްލެމެންގޯ އިން ޗެލްސީ ބަލިކޮށްފި
