
ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއަށް ސޮއިކުރާ ޖަލްސާ ހޯމަ ދުވަހުގެ ރޭ!
# އެމްޑީޕީ--
އެމްޑީޕީއާއި ދުރަށް ވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާއި ގުޅުމަށް ބާއްވާ ޖަލްސާ ހޯމަ ދުވަހުގެ ރެއަށް ތާވަލުކޮށްފި އެވެ.

އެމްޑީޕީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ ބޭފުޅުން އެމްޑީޕީއަށް ސޮއިކުރައްވާ ހަފްލާ ޖޫން 23 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި ސަލްޓަން ޕާކުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ޖަލްސާއަށް އެމްޑީޕީގެ މެމްބަރުންނަށް އެޕާޓީން ވަނީ ދައުވަތު އަރުވާފައި އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި ނަޝީދު އާއިއެކު އެމްޑީޕީގައި އޭރު އެންމެ އަރިސްކޮށް ތިބި މެމްބަރުން ވަނީ އެމްޑީޕީ ދޫކުރައްވާފައި އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވަނީ ފާޅުގައި އެމްޑީޕީއާއި ދެކޮޅަށް ކެނޑިޑޭޓެއް ނެރެ އެމްޑީޕީއަށް ރިޔާސީ ދެވަނަ ދައުރެއްގެ ފުރުސަތު ގެއްލުވާލާފައި އެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ ތާއީދާއިއެކުވެސް ގެނައި ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި ދެކޮޅުވެ މިހާރު އެޕާޓީގެ މެމްބަރުންނާއި ރައީސް ނަޝީދު ވަނީ އެމްޑީޕީއާއި އަލުން ގުޅެން ނިންމާފައި އެވެ. އެމްޑީޕީއާއި އަލުން ގުޅުމަށް މިދިޔަ ހަފްތާގައި ބޭއްވި ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ޚާއްސަ ގަރާރެއް ވަނީ ފާސްކޮށްފައި އެވެ. ޑިމޮކްރެޓްސްއިން ފާސްކުރި ގަރާރުގައި އޮތީ އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ. ޑިމޮކްރަޓްސްގައި ތިބީ ރައީސް ނަޝީދާއެކު އެމްޑީޕީން ވަކިވި މެމްބަރުންނެވެ. ގަރާރުގައި އިތުރަށް ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށް ވަރުގަދަ އޮޕޮޒިޝަނެއް އޮތުން މުހިންމު ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު އެވެ.
ގުޅުންހުރި

ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއަށް ސޮއިކުރާ ޖަލްސާ ހޯމަ ދުވަހުގެ ރޭ!

ނަޝީދު އެމްޑީޕީއާއި އަލުން ގުޅޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި

އެމްޑީޕީގެ ރަސްމީ ދަތުރުތަކެއް: ފައްޔާޒު ށ އަތޮޅަށް، ޝާހިދު އައްޑޫ ސިޓީއަށް!
