
އިރާނުގެ ޕްރެޒެންޓަރު ސަހަރްގެ ކެރުންތެރިކަމަށް ގިނަ ބަޔެއްގެ ތައުރީފް: ހަމަލާ އަންނަކަން އެނގި ހުރެވެސް ހުރީ މަސައްކަތުގައި!
# އިރާން - އިސްރާއީލް--
އިރާނުގެ ދައުލަތުގެ ޓީވީއަށް އަމާޒުކޮށް އިސްރާއީލުން މިއަދު ހަމަލާދިން ވަގުތު ލައިވްކޮށް ބްރޯޑްކާސްޓުކުރަމުން ދިޔަ ޕްރޮގްރާމް ހުށަހެޅި ޕްރެޒެންޓަރަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ ލިބިފައި އެވެ.

އިރާނުގެ ދައުލަތުގެ ޓީވީއަށް ހަމަލާދިނީ ލައިވްކޮށް ހަބަރު ގެނެސްދެމުން ދަނިކޮށެވެ. ހަބަރު ގެނެސްދެމުން ދިޔައީ އިރާނުގެ އެންމެ މަގްބޫލު އަންހެން ޕްރެސެންޓަރު ސަހަރް އިމާމީ އެވެ. ސަހަރް އަކީ އިރާނުގެ ދައުލަތުގެ މީޑިއާގެ މޫނު މައްޗެވެ.
ސަހަރް ވަނީ ހަމަލާއެއް އަންނަކަން އެނގިހުރެވެސް ބްރޯޑްކާސްޓު ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން އިސްރާއީލުން ވަނީ ހަމަލާ ދިނުމުގެ ކުރީން ތެހެރާނުގައި ހުންނަ އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ އިމާރާތް ސަރަހައްދު ހުސްކުރަން އަންގާފައި އެވެ. އަދި އިމާރާތުގެ މަތީން އިސްރާއީލުގެ މަތިންދާބޯޓުތައް އުދުހޭ އަޑު އިވެމުންދާކަމަށްވެސް ސަހަރް ވަނީ ހަމަލާ އަމާޒުވުމުގެ 30 އެއްހާ ސިކުންތު ކުރީން ލައިވްގައި ބުނެފައި އެވެ.
ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ސަހަރް ބުނަމުން ދިޔައީ " އަޑު އިވެމުން އެދަނީ ދުޝްމަނުންގެ އަޑު، އަޑު އިވެމުން އެދަނީ ހަޤީގަތަށް ހަމަލާދޭ އަޑު" މިހެންނެވެ.
ސަހަރްއަކީ ދެކުދީންގެ މަންމައެވެ. ހަމަލާއާއި ގުޅިގެން ސަހަރްއަށް މާބޮޑު އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާއިރު ހަމަލާދިންތާ ގަޑިއިރެއްވެސް ނުވަނީސް ސަހަރް ވަނީ އަލުން ބްރޯޑްކާސްޓާއި ގުޅި އިރާނުގެ އެންމެ ފަހުގެ ހާލަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން އިރާނުގެ ސްޓޭޓް ޓީވީން މިގަޑީގައި ގެނެސްދެމުންދާ ބްރޯޑްކާސްޓު ހޯސްޓުކުރަމުންދަނީ ސަހަރް އެވެ.
ސަހަރު ހިތްވަރާއި ކެރުންތެރިކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.
އިރާނުގެ ދައުލަތުގެ މީޑިއަށްއަށް އަމާޒުކޮށް ހަމަލާ ދީފައި މިވަނީ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީ ވަޒީރު ޔަސްރައެލް ކާޓްޒް ފާޅުގައި ދީފައި ވަނިކޮށެވެ. މިއަދު ހަވީރު ކާޓްޒް ވަނީ "އީރާނުގެ ޕްރޮޕެގެންޑާ އާއި ހިތްވަރު ދިނުމުގެ މައުތުޕީސް ނެތި ދިއުމާ ގާތަށް ގޮސްފައިވާ" ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުން ވަނީ ހެޑްކުއާޓަރުގެ ކައިރީގައި އޮންނަ ސަރަހައްދު ހުސްކުރުމަށް އެންގުމެއްވެސް އަންގާފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުވި ކަމުގެ ބިރު އެބައޮތެވެ. އަދި ހަމަލާ ދިން ވަގުތަކީ ގިނަ ބަޔަކު އެ އިމާރާތުގައި ތިބި ވަގުތެއް ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
