



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމުމާއި ގުޅިގެން އެކަމަށް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝެއިހްގެ ޖަނާޒާ މިއަދު ކުރިޔަށް ގެންގޮސްފައިވާއިރު ޝެއިހްގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށްޓަކައި ހިދުމަތް ޖަމިއްޔާއިން އިއްޔެ ވަނީ މަސައްކަތް ފަށާފައި އެވެ. އެގޮތުން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށްޓަކައި އިއްޔެ އެހީއަށް ހުޅުވާލިއިރު މާގިނަ އިރުތަކެއް ނުވެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާ ވަނީ ހަމަވެފައިއެވެ. ޝެއިހް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެކަމަށް ހަރަދު ވާނެ ކަމަށް އަންދާޒާ އެޖަމިއްޔާއިން އަންދާޒާކުރީ 760،000ރ. އެވެ.
ހިދުމަތް ޖަމިއްޔާއިން މިއަދު ބުނީ ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ގިނަބަޔަކު އަދިވެސް ބައިވެރިވުމަށް އެދެމުންދާތީ އާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިޚްގެ މިސްކިތެއް ދިވެހިރާއްޖޭގައިވެސް ބިނާކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވާ މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެކަމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި ޝެއިހްގެ ހަނދާނެއް ރާއްޖެއިން ބޭރުގައި ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ. އަދި މިސްކިތް ހުންނާންވީ ވެސް އިސްލާމީ އިލްމުގެ ލައިބްރެރީއަކާއި ޤުރުއާން ވެސް ކިޔަވައިދެވޭނެ ކްލާސް ރޫމްތަކާއި އެކުގައި ކަމަށާއި ޝެއިހް ކުރެއްވި މަސައްކަތް ދިރުވާނެ ތަނެއްގެ ގޮތުގައި ޝެއިހަށް ވަގްފެއްގެ ގޮތުގައި ކަމަށެވެ.
އަދި މިކަމުގައި ހިދުމަތް ޖަމިއްޔާއިން ބޭނުންވާ އެންމެހާ ކަމެއްގައި މިނިސްޓްރީން އެހީވާނެ ކަމަށާއި މިގޮތުން މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ ގޮތުންވެސް ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




.jpg?w=3840&q=75)



.jpg?w=3840&q=75)