ޓޫއޮފްއަސް ބޭންޑު މިރޭގެ ޝޯޢަށް ވެލިދޫއަށް އައުން - ގާފު ފޮޓޯ | ރާއީދާ
ބޮޑު އީދު ފާހަގަކުރުމަށް ނ ވެލިދޫގައި ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން މިރޭ އެރަށުގައި ބާއްވާ ސްޓޭޖް ޝޯ ޚާއްސަ ކުރެވިފައިވަނީ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ޓޫއޮފްއަސް ބޭންޑަށެވެ.

މިރޭގެ ޝޯއަށް ޓޫއޮފްއަސްގެ ޓީމް މިއަދު މެންދުރު ވެލިދޫއަށް ގޮސްފައިވާއިރު އެރަށުން ވަނީ އެބޭންޑަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ.
ވެލިދޫ ސްޓޭޖު ސަރަހައްދުގައި މިރޭ އޮންނަ ޓޫއޮފްއަސްގެ ޚާއްސަ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި އެވެ. މިރޭގެ ޝޯއަކީ ވެލިދޫގައި މިއަހަރު ބޮޑު އީދުގައި ބާއްވާ ފަހު ޝޯއެވެ.
ޓޫއޮފްއަސް މަޝްހޫރުވެގެން ގޮސްފައިވަނީ ދެކުނު އޭޝިއާސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ 'ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް'ގައި ރާއްޖެ ތަމްސީލްކޮށް އެބޭންޑުން ދައްކާލި ހުށަހެޅުންތަކުންނެވެ. އެޝޯއިން ޓޫއޮފްއަސް ވަނީ ދެވަނަ ރަނަރަޕްކަން ހޯދާފައި އެވެ.
ބޮޑު ޑިމާންޑެއް އޮތް ޓޫއޮފްއަސްއަށް ވެލިދޫއަކީ މިފަހަރުގެ އީދުގެ 3 ވަނަ މަންޒިލެވެ. އީދުގެ ފުރަތަމަ ރޭ ޓޫއޮފްއަސްއިން ނ ކެނދިކުޅުދޫގައި އީދު ޝޯދިން އިރު ރޭ އެބޭންޑުގެ ޝޯއެއް އޮތީ ބ ދަރަވަންދޫގައި އެވެ.
ވެލިދޫގައި ފާއިތުވި ދެރޭވެސް އީދު ޝޯ އޮތް އިރު ފުރަތަމަ ރޭ އެރަށުގެ ކަމަނާސް ގްރޫޕުގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި ރޭގެ ޝޯގައި ފެނިގެން ގޮސްފައިވަނީ ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތަކެވެ.