
--
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓާއި އަލަށް ގުޅޭ އޭޓީއާރް މަރުކާގެ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ.

ފްރާންސްގެ ޓޫލޫސްގައި ހުންނަ އޭޓީއާރު ޑެލިވަރީ ސެންޓަރުން ފުރައިގެން އައި މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސީ މިއަދު ހަވީރު 4:05 ގައި އެވެ މި ބޯޓު ޖެއްސުމާއިއެކު އެމްއޭސީއެލްއިން ވަނީ މި ބޯޓަށް ވޯޓާ ސެލިއުޓެއް ދީފައެވެ. މި ބޯޓު އޭޓީއާރްއިން މޯލްޑިވިއަންއާއި ހަވާލުކުރުމާއި އެކު ބޯޓު ރާއްޖެ ގެނައީ މޯލްޑިވިއަންގެ ޕައިލެޓުންގެ ޓީމަކުންނެވެ.
މިއީ މޯލްޑިވިއަންގެ ފްލީޓާއި ގުޅޭ 5 ވަނަ އޭޓީއާރެވެ. އަދި އެއެއާލައިންގެ 25 ވަނަ މަތިންދާބޯޓެވެ. މިއަދު ގެނައި އޭޓީއާރްއަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.
މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުން އަންނަ ދުވަސްވީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލައި އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ އޭޓީއާރް އެއާކްރާފްޓްތަކުގެ ފްލީޓެއް ގާއިމްކުރުމަށެވެ.
އެގޮތުން ފްރާންސްގެ އޭޓީއާރު ކުންފުނިން މުޅިން އާ ހަތަރު މަތިންދާބޯޓެއް ގަނެގެން މިހާރުވެސް މޯލްޑިވިއަނުން އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ އޭޓީއާރް 600-72 މަރުކާގެ ދެ އެއާކްރާފްޓާއި އޭޓީއާރް 600-42 މަރުކާގެ ދެ ބޯޓެކެވެ.