
ފަހަތުން އަރައި ޖަރުމަން ބަލިކޮށް ޕޯޗުގަލް ނޭޝަންސް ލީގް ފައިނަލުން ޖާގަ ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ނެޝަނަލް ލީގު# ޖަރުމަނު # ޕޯޗުގަލްރޮނާލްޑޯ ޖަރުމަނު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޔުއެފާ ނޭޝަންސް ލީގު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޖަރުމަނުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޕޯޗުގަލް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޑެންމާކް ބަލިކުރުމަށްފަހު އެވެ. އަދި ޖަރުމަނު ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖަރަމަނުންނެވެ.
ޖަރުމަނުގެ ވެރިރަށް އެލިއަންޒް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޖަރުމަނުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފްލޮރިއަން ވިޒްޓް އެވެ. މިއީ ޖަރުމަނުގެ ޖާޒީގައި 100 މެޗު ކުޅެމުންދިޔަ އެޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޖަރުމަނުގެ ލަނޑަށްފަހު ޕޯޗުގަލް އިން ވަނީ ބަދަލުތަކަކާއެކު އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ފްރެންސިސްކޯ ކޮންސީސޯ އެވެ.
ޕޯޗުގަލް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 937 ވަނަ ލަނޑެވެ. އަދި މިއީ ނެޝަނަލް ލީގުގައި ޕޯޗުގަލް ޓީމަށް އެންމެ ފަހުން ކުޅުނު އަށް މެޗުގައި އުމުރުން 40 އަހަރުގެ ފޯވާޑް ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް މުބާރާތުގެ ފައިނަލުން ޖާގަހޯދިއިރު، މިއީ 2000 ވަނަ އަހަރު 3-0 ގެ ނަތީޖާއަކުން ޖަރުމަނު އަތުން މޮޅުވި ފަހުން ފާއިތުވެދިޔަ 25 އަހަރު ތެރޭގައި ޖަރުމަނު އަތުން ޖެހިޖެހިގެން ފަސް މެޗުން ބަލިވުމަށްފަހު، ޕޯޗުގަލް މޮޅުވި ފުރަތަމަ މެޗެވެ.
މުބާރާތުގެ ފައިނަލުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޕޯޗުގަލް އިން ނުކުންނާނީ މާދަމާ ރޭ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ސްޕެއިން އާއި ފްރާންސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ފްރާންސް ބަލިކޮށް ޗެންޕިއަން ސްޕެއިން ނޭޝަންސް ލީގު ފައިނަލުން ޖާގަ ހޯދައި

ފަހަތުން އަރައި ޖަރުމަން ބަލިކޮށް ޕޯޗުގަލް ނޭޝަންސް ލީގް ފައިނަލުން ޖާގަ ހޯދައިފި

މެސީގެ މޮޅު ކުޅުމާއެކު ކޮލަމްބަސް އަތުން އިންޓަ މިއާމީއަށް ފަސޭހަ މޮޅެއް
