
--
މ މުލީގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވި ދެ މަޝްރޫއަކީ މުލީގައި އައުޓް ޑޯ ޖިމަކާއި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތެވެ.
އެގޮތުން ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުމާ އެއްގޮތަށް އެއް ފަންގިފިލާގެ އިމާރާތެއް ބިނާކުރުމުގެ އެމްޓީސީސީއާއި ހަވާލުކުރި އިރު އައުޓް ޑޯ ޖިމް ހަވާލުކުރީ ހުރިހާ ސާމާނެއް ހިމެނޭހެން ފުރިހަމަކުރުމަށެވެ. އަދި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތުގެ ކަރަންޓާއި ފެން ވަޔަރިން މަސައްކަތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީން މިއަދު ބުނީ 1,034 މީހުންގެ އާބާދީއެއް ދިރިއުޅޭ މ. މުލީ ރައްޔިތުންނަށް ފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ނުފެށި ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.