
މިދިޔަ އަހަރު ވެލިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން :- ފޮޓޯ | ވެލިދޫ އީދު އުފާ ފޭސްބުކް ޕޭޖް / ނޫނު ފޮޓޯސް
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އަޟްހާ އީދަށް ނ. ވެލިދޫ އޮތީ ވަރަށް ތައްޔާރަށެވެ. މިއަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވެލީދޫ ކައުންސިލުން ނިންމާފައިވަނީ އެރަށުގެ ރައްޔިތުންނާއި ކުލަބް ޖަމިއްޔާތަކާއި ގުޅިގެންނެވެ.

ވެލިދޫގެ އީދު ހަރަކާތާތްތައް ފެށުމަން ހަމަޖެހިފައިވަނީ އަޟްހާ އީދު ވިލޭރޭ ކަމަށްވާ 5 ޖޫން ދުވަހުގެ ރެއެވެ. އެގޮތުން އެރޭ އީދު މަޅި އަލިފާނުގެ ކުޅިވަރާއިއެކު ފެށިގެންދާނީ މާލިބައްތެލީގެ ހަރަކާތްތަކެވެ. މި ހަރަކާތްތައް ކުރިޔަށްގެންދަނީ "ޓީކޭއެފް" އާއި "ބައޮކަލޯ" ގެ ޒުވާނުންނެވެ. ޒަމާނުއްސުރެ ވެލިދޫގައި ކުރިޔަށްގެންދާ މާލި ބައްތެލީގައި ދައްކުވައިދެނީ މާލީގެ ތަފާތު ވައްތަރުތައް އެކުލެވޭނޭހެން ބައްތެއްޔެއްގައި ވެލިދޫއަށް ކުރާ ދަތުރާއި އެ ދަތުރުގައި ވެލިދޫއަށް ބަނދަރުކުރުމަށް ފަހު ރަށުތެރޭގައި މާލިތައް ބުރުޖެހުމުގެ ހަރަކާތްތަކެވެ.
މީގެ އިތުރުން އެރޭ އާރްޑީސީގެ ފަރާތުން ރަށުގެ ބޮޑެތި މަގުތަކުގައި ރަންފޮށި އުފުލުމުގެ ހަރަކާތް ކުރިޔަށްގެންދާނެ އެވެ.
އީދު ދުވަސް - ޖޫން 6
އީދު ދުވަސް ކަމަށްވާ 6 ޖޫން ދުވަހު، ވެލިދޫ ރަސްމީ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމަށްފަހު ހަމަ އެތަނުގައި އީދު ސައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރަސްމީކޮށް އީދަށް ޚާއްސަ މުބާރާތްތައް ފެށުމަށް އެދުވަހުގެ ހެނދުނު ވެލިދޫ ރައިވެރިޔާ ބީޗުގައި ފައިގަތަޅާ މުބާރާތް ފެށޭނެއެވެ. ހަވީރު ރަށުގެ ބޮޑެތި މަގުތަކުގައި "ބުރުގާ ގަސް" ނެރުމާއެކު، ތަފާތު މާލީގެ ހަރަކާތްތައް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
އަދި ވެލިދޫގެ މަޝްހޫރު އީދު ސްޓޭޖުގައި އެރޭ ޑީޖޭ ފަހުދު އާއި އެރަށުގެ ކަމަނާޒް ގްރޫޕާއެކު އީދު ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެ އިތުރުން ސްޓޭޖް ސަރަހައްދުގައި އީދު ކުޅިވަރުގެ ތެރެއިން ބާއްވަމުން އަންނަ ވާދެމުގެ މުބާރާތްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީދުގެ ދެވަނަ ދުވަސް - ޖޫން 7
އީދުގެ ދެވަނަ ދުވަސް ކަމަށްވާ 7 ޖޫން ދުވަހުގެ ހެނދުނުވެސް ފައިގަތަޅާ މުބާރާތް ކުރިޔަށްދާނެއެވެ. އަދި ބަނބުކެޔޮ ޕާކުގައި ފަނުން ތަކެތި ވިޔުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންއަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސަގާފީ ހަރަކާތްތަކަށް ވެލިދޫ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައިއެވެ. އެގޮތުން އީދުގެ ދެވަނަ ދުވަހުގެ ހަވީރު ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ސަގާފީ ހަރަކާތްތައް ރަށުގެ ބޮޑެތި މަގުތަކުގައި ކުރިޔަށްދާނެއެވެ. އަދި "ލޯންލީޓްރީ ޕެރޭޑް" އެރޭ ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. އެރޭވެސް ސްޓޭޖް ސަރަހައްދުގައި ވާދެމުގެ މުބާރާތް ކުރިޔަށްދާނެއެވެ. މީގެ އިތުރުން ގާސިމް އާއިލާގެ ފަރާތުން ބޮޑުމަސް ކުޅުމުގެ ހަރަކާތްތައް ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޭވައްލާ ބޮޑުބެރު ގްރޫޕުގެ އީދު ޝޯވެސް އޮންނާނީ އީދުގެ ދެވަހަ ދުވަހުގެ ރެއެވެ.
އީދުގެ ތިން ވަނަ ދުވަސް - ޖޫން 8
އީދުގެ ތިންވަނަ ދުވަސް ކަމަށްވާ 8 ޖޫން ދުވަހު، ހަރަކާތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ. އެދުވަހުގެ ހެނދުނު ފައިގަތަޅާ މުބާރާތުގެ ފައިނަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހަރަކާތަށްފަހު އެދުވަހުގެ ހެނދުނު ބަނދަރު ސަރަހައްދުގައި ބައިސްކަލް އަދި ސައިކަލް ރޭސް ބޭއްވުމަށް ނިންމާފައިވާއިރު މެންދުރު ވަގުތު ބަނދަރު ސަރަހައްދުގައި "ކުޅި ސަމާ" ގެ ނަމުގައި ތަފާތު ކުޅިވަރުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެދުވަހުގެ ހަވީރު "ކްލަބް ސްޓިލްރެޑް" ގެ ފަރާތުން ކޯޑިއާއެކު ދެލިމާލި ނެރުމުގެ ހަރަކާތް ރަށުގެ ބޮޑެތި މަގުތަކުގައި ކުރިޔަށްދާނެއެވެ. އަދި ހަމަ އެވަގުތު ރަސްމީ ބޯޅަ ދަނޑުގައި ދަފިނެގުމުގެ ހަރަކާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެރޭވެސް ސްޓޭޖް ސަރަހައްދުގައި ވާދެމުގެ މުބާރާތް ކުރިޔަށްދާނެއެވެ. މީގެ އިތުރުން މަޝްހޫރު "ޓޫއޮފްއަސް" ގެ ސްޓޭޖް ޝޯ ކުރިޔަށްގެންދިޔުމަށް ރާވާފައިވާއިރު ކޯޑި ކުޅުމުގެ ހަރަކާތްތައް ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީދުގެ ފަހު ދުވަސް - ޖޫން 9
އީދުގެ ފަހު ދުވަސް ކަމަށްވާ 9 ޖޫން ދުވަހު، ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ފެންކުޅި ކުޅުމުގެ ހަރަކާތްތައް ކުރިޔަށްދާނެއެވެ. ހަމަ އެދުވަހުގެ ހެނދުނު ބަނދަރު ސަރަހައްދުގައި ކަލާރަން އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު އީދު ފުރުވުމުގެ ގޮތުން އީދު ހަރަކާތްތައް ނިންމާލެވޭނެއެވެ.
ވެލިދޫގެ އީދު ހަރަކާތްތައް މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ " ވިޒިޓް ވެލިދޫ އީދުއުފާ 1446" ގެ ނަމުގައި އެވެ. އީދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން ފައިގަތަޅާ މުބާރާތުގައި އާއި ވާދެމުމުގެ މުބާރާތުގައި ރަށުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައި އެވެ.
މިއަހަރުގެ އީދު ހަރަކާތްތަކާއި ގުޅޭގޮތުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް އަރާ މެހުމާނުންނަށް އުފާވެރި މަޖާ އީދަކަށް މި އީދުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދަށް އެންމެ ބޮޑު ތައްޔާރީތަކެއްވާ އެއްރަށަކަށް ނ ވެލިދޫވެއެވެ. އެގޮތުން ވެލިދޫގެ އީދު ހަރަކާތްތަކަކީ ރާއްޖޭގެ ގިނަ ބަޔަކު އެހަރަކާތްތަކަށް އަބަދުވެސް އިންތިޒާރުކުރަމުންދާ ހަރަކާތްތަކެވެ.