
މެސީގެ މޮޅު ކުޅުމާއެކު ކޮލަމްބަސް އަތުން އިންޓަ މިއާމީއަށް ފަސޭހަ މޮޅެއް
# ބޭރު ދުނިޔޭގެ ކުޅިވަރު# އިންޓަ މިއާމީ # މޭޖާ ލީގު ސޮކާ # ކޮލަމްބަސް ކުރޫމެސީ ކޮލަމްބަސް ކުރޫ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
މޭޖާ ލީގު ސޮކާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކޮލަމްބަސް ކުރޫ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޓަ މިއާމީ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ސީއެފް މޮންޓްރިއަލް އަތުން މޮޅުވެފައިވާއިރު، ކޮލަމްބަސް ކްރޫ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނަޝްވިލް އެސްސީ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކޮލަމްބަސް ކްރޫގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓަ މިއާމީ އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިއާމީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކޮލަމްބަސް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ލުއިސް ސުއަރޭޒް، ޓަޑިއޯ އެލެންޑޭ އަދި ފަފާ ޕިކަލްޓް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ކޮލަމްބަސް ކުރޫގެ ހަމައެކަނި ލަނޑު ޑިފެންޑަރު ސީޒާ ރުވަލްކަބާ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަދި 2023 ވަނަ އަހަރު އެކުލަބާއި ގުޅުނު ފަހުން ލީގުގައި ކުޅުނު 41 މެޗުގައި މެސީ ވަނީ އެޓީމަށް 32 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން އިންޓަ މިއާމީއަށް 29 ޕޮއިންޓް ލިބިފައިވާއިރު. ލަނޑުގެ ތަފާތު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ކޮލަމްބަސް ކުރޫ އިން ލީގުގައި ކުޅުނު 17 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.