
ފަސޭހަކަމާއެކު އިންޓަ މިލާން ބަލިކޮށް ޕީއެސްޖީ އިން ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފި
# އިންޓަ މިލާން# ޔުއެފާ ޗެމްޕިއަންސްލީގު# ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރުޕީއެސްޖީގެ ހަކީމީ އިންޓަ މިލާން ކޮޅަށް ލަނޑުޖެހުމަށްފަހު، އެޓީމުގެ ޑެމްބެލޭ އާއެކު އުފާފާޅުކުރަނީ...
ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ފަސޭހަކަމާއެކު އިޓަލީގެ އިންޓަ މިލާން 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް ފްރާންސްގެ ޕީއެސްޖީ އިން މުބާރާތުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ޕީއެސްޖީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހު އެވެ. އަދި އިންޓަ މިލާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ޗެންޕިއަން ބާސެލޯނާ ބަލިކުރުމަށްފަހު އެވެ.
މީގެ އިތުރުން މިއީ 2020 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވި ފަހުން ޕީއެސްޖީ އިން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ ތިން އަހަރުތެރޭ އެޓީމުން މިމުބާރާތުގެ ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. 2023 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ޑިޒަޔާ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޑޫއޭ ކާމިޔާބުކުރިއިރު، ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް އުމުރުން 19 އަހަރުގެ ޑޫއޭ އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޚަވިޗާ ކަވަރަޓްސްޚެލިއާ އެވެ.
މިމެޗުގައި ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު ސެންނީ މަޔޫލޫ އެވެ.