
--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމުގައި ދެއްކެވި ވާހަކަފުޅެއްގައި އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު އެވެ.
ޝަފީޒު ވިދާޅުވީމިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްއާ ހިލާފަށް އާ ޓާމިނަލްއާ އެކުގައި ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެ ކަމަށާއި އެގޮތުން ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހުންނައިރު، އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ގާއިމުކުރާނެ ކަމަށެވެ.
އަދި މި ބަދަލުތަކާ އެކުގައި މަސައްކަތް ކުރަނީ ވީއައިއޭގެ ހިދުމަތްތައް މިހާރަށް ވުރެ ބޮޑަށް ރަނގަޅު ކުރުމަށް ކަމަށާއި އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ޝަފީޒު ވިދާޅުވިއެވެ.
"އާ ޓާމިނަލް ހުޅުވާނެ ޖުލައި 26 ގައި. އެއާ އެކު ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ." ޝިފާޒް ވިދާޅުވިއެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.
މި މަޝްރޫއު ނިމޭނެ ކަމަށް ބިން ލާދިން ގްރޫޕުންވެސް މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހަށެވެ.