
--
ލ. މާވަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 166,400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55,500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި ، 7500 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.
މި މަޝްރޫއަކީ 89.13 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެެވެ.
2000 މީހުންގެ އާބާދީއެއް އޮންނަ މާވަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައެވެ. ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައިގެ ނުތަނަވަސްކަން މާވަށު ރައްޔިތުން ތަހައްމަލުކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ދެމޫސުން ބަދަލުވާއިރު ރަށަށް އުދަ އެރުމަކީ އާންމުކަމެކެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ރުށްގަސް ވެސް ވަނީ ނެތިގެން ގޮސްފައެވެ. މީގެ އިތުރުން އުދައިގެ ލޮނުގަނޑުގެ އަސަރު ގޮނޑުދޮށާއި ކައިރީ ގެތަކަށް ކުރުމުގެ ސަބަބުން ގޭގޭގައި ހިފައި ގެންގުޅޭ ތަކެތި ހަލާކުވެ، ރަށު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވެސް ދަނީ ލިބެމުންނެވެ. މިއަދު މި ސޮއިކުރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން، ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެކަމަށް އެމްޓީސީސީން ބުނެއެވެ.