
ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ މަގުތަކުގައި ތާރު އަޅަން ތައްޔާރުވަނީ
# އެމްޓީސީސީ--
ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ މަގުތަކުގައި ތާރު އެޅުމަށްޓަކައި ބޭނުންވާ އެސްފަލްޓް ބެޗިން ޕްލާންޓް މިހާރު އެރަށަށް ގެންގޮސް މޯބަލައިޒްކޮށްފައިވާ ކަމަށެވެ.
މިއާއިއެކު މި މަޝްރޫއުގެ މުޅި ޖުމުލަ 73 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައި އެވެ.
ފޮނަދޫ މަގު ހެދުމުގެ ދެވަަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ، ޖަނަވަރީ 20، 2021 ގައެވެ. މިއީ 53.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.