
--
ހއ ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިމުމަކާއި ގާތްވެފައިވާ ކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ މޫރިން ބޮއި ހަރުކުރުމާއި ބަނދަރުގެ ނެވިގޭޝަނަލް ލައިޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މިއާއި އެކު މިހާތަނަށް މުޅި މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާކަން އެކުންފުނީން ހާމަކުރެއެވެ.
ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ ތެރޭގައި އެވެ. މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ އަގަކީ 69.87 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 69.87 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.