
ޗެލްސީ ބަލިކޮށް ނިއުކާސަލް އިން ޗެންޕިއަން ލީގުގެ ފުރުސަތު ބޮޑުކޮށްފި
# އިނގިރޭސި ޕްރެމިއާ ލީގު# ނިއުކާސަލް ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީޗެލްސީ ކޮޅަށް ފަހުވަގުތު ލަނޑުޖެހުމަށްފަހު ނިއުކާސަލްގެ ބްރޫނޯ ގުއިނަރޭޒް އުފާފާޅުކުރަނީ ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުކާސަލް ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ޗެންޕިއަން ލިވަޕޫލް އަތުން މޮޅުވެފައިވާއިރު، ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނިއުކާސަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އެވެ.
ނިއުކާސަލް އިން މެޗު ލީޑުކުރަމުން ދަނިކޮށް ޗެލްސީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 36 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި 10 ކުޅުންތެރިންނާއި އެކު ކުޅެމުންދިޔަ ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އިތުރު ވަގުތާއި ހަމައަށް ނިއުކާސަލްއަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ނިއުކާސަލް ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގުއިމަރޭޒް ޗެލްސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 36 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 66 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 36 މެޗުން އެޓީމަށް 63 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.
ގުޅުންހުރި

ޗެލްސީ ބަލިކޮށް ނިއުކާސަލް އިން ޗެންޕިއަން ލީގުގެ ފުރުސަތު ބޮޑުކޮށްފި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި
