
އޭޕްރިލް މަހުގެ ކަރަންޓު ބިލްތަކަށްވެސް ސްޓެލްކޯއިން ޑިސްކައުންޓުދީފި: ދެމަހުގެ ބިލް އެއް އަދަދެއްގެ ހުރީ އެހެންވެ!
# ސްޓެލްކޯ--
މިދިޔަ އޭޕްރިލް މަހުގެ ކަރަންޓު ބިލްތައް އޭގެ ކުރީ މަހާއި އެއް އަދަދަކަށް ބިލްކޮށްފައިވާ ސަބަބު މިއަދު ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓުބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓުބިލަށްވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.
އެގޮތުން މާރިޗު މަހުގެ (ރަމަޟާން މަހުގެ) ދުވަސްތައް ނިމުމަށްފަހު، އޭޕްރީލްމަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން ޢާއްމުކޮށް ކަރަންޓުބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ސްޓެލްކޯއިން ބުނީ، އޭޕްރީލްމަހުގެ ކަރަންޓުބިލު އެކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އަމައުންޓު (ފައިސާގެ އަދަދު) މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ ޑިސްކައުންޓު ދީފައި ވުމާއި އެކުގައި ކަމަށެވެ.
ކަރަންޓު ބިލްތަކުން ޚާއްސަ ޑިސްކައުންޓެއް ދޭން ސްޓެލްކޯއާްއި ފެނަކައިން ނިންމާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާއި އެއްގޮތަށެވެ. އެގޮތުން ރަމަޟާން މަހާއި ދިމާކޮށް މިދިޔަ އަހަރުވެސް ކަރަންޓު ބިލްތަކުން ވަނީ ޑިސްކައުންޓު ދީފައި އެވެ.
ގުޅުންހުރި

ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށްފި

މާދަމާ މާލެއާއި ހުލުމާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މި ހަފްތާ ބަންދުގައިވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔަ!
