
--
ގައުމީ އެއާލައިން މޯލްޑިވިއަންއިން މ މުލީ އެއާޕޯތަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ އެއާލައިންއިން މުލީ އެއާޕޯޓަށް ރަސްމީކޮށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި ދަތުރުތައް ރަސްމީކޮށް ފަށާނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި އެއާޕޯޓަށް ކުރާ ދަތުރުގެ ދިގުމިނަކީ މައި އެއާޕޯޓު ވީއައިއޭއިން ފުރައިގެން 35 މިނެޓު ކަމަށެވެ.
އެގޮތުން މިވަގުތު ދަތުރުތައް ކުރުމަށް މޯލްޑިވިއަންއިން ނިންމާފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގައި އެވެ. އެގޮތުން ވީއައިއޭއިން ފުރުމަށް ކަނޑައަޅާފައިވަނީ އެދުވަހުގެ 15:30 ގައި އެވެ. އަދި މުލީ އެއާޕޯޓުން ފުރުމަށް ކަނޑައަޅާފައިވާ ގަޑިއަކީ 16:45 ގައި އެވެ.
މުލީ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގުގެ ގޮތުގައި އެއާލައިނުން ހަމަޖައްސާފައިވަނީ ކޮޅަކަށް 1377 ރުފިޔާ އެވެ. އެއީ އެންމެ އާދައިގެ ޓިކެޓުގެ އަގެވެ. އެއާލައިނުން ދާދި ފަހުން އަލަށް ތައާރަފްކުރި ޕްރިމިއަމް އެކޮނޮމީ ސާވިސްގެ ޓިކެޓުގެ އަގު އުޅެނީ 1918 ރުފިޔާއަށެވެ.
މުލީ އެއާޕޯޓާއި އެކު މޯލްޑިވިއަންއިން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރާނެ އެވެ.