
--
ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސުރޭޝް ކުމާރު، އިންޑިޔާ (29އ) ކަމަށެވެ.
އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 4 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށާއި ދުނބުރިގަސް މަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ދެ ފުޅި އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބަނގުރަލާއި އެކު ހައްޔަރުކުރާ ބިދޭސީންގެ އަދަދު ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.