
-
ވެމްކޯ އިން މިދިޔަ އަހަރު ފެށި "ހޮބާ" ހިދުމަތާއި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ގުޅިއްޖެ އެވެ.

ހޮބާ ހިދުމަތް ހޯދުމާއި ބެހޭ އެއްބަސްވުމެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން މިއަދު ވަނީ ވެމްކޯއާއި އެކު ޙާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ.
މިގޮތުން މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ޕާމަނެންޓު ސެކެޓްރީ އަޖުވަދު މުސްތަފާ އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްބުމުގެ ދަށުން އެވުޒާރާގެ އޮފީސްތައް ފޮޅައި ސާފުކުރުމުގެ ޚިދުމަތް މިހާރުން ފެށިގެން ފޯރުކޮށްދޭނީ އެކުންފުނީން ކަމަށެވެ.
ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ.
ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 20 ވަރަކަށް ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ.