
އެއްބަސްވުމާއި ހިލާފުވެ ޔަހޫދީން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް ދީފި
# ލުބުނާން - އިސްރާއިލް-
ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމާއި ހިލާފުވެ އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ވެރިރަށް، ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނަށް ހަމަލާދިނުމުގެ އިރުކޮޅެއް ކުރީން ވަނީ ބެއިރޫތުގެ ދެކުނުގައި އޮންނަ ދާހިއްޔާ އަވަށާއި ހަދަތު އަވަށުގެ ރައްޔިތުން އެ ސަރަހައްދު ހުސްކުރުމަށް އިންޒާރު ދީފައެވެ. އިޒްރޭލުން އެސަރަހައްދު ސިފަކުރީ ހިޒްބުالله ގެ ފެސިލިޓީއެއްގެ ގޮތުގައި އެވެ.އިންޒާރު ދެމުން އިސްރާއީލުގެ އަސްކަރިއްޔާގެ އަރަބި ތަރުޖަމާނު އަދުރައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިމާރާތާ "ވަގުތުން" ހުސްކުރުމަށާއި އިޒްރޭލުން ލުބުނާނުގެ ވެރިރަށް ސަރަހައްދަށް ހަމަލާއެއް ދޭން އުޅޭ ކަމަށެވެ.
މި އިންޒާރު ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިޒްރޭލުގެ ޑްރޯންތަކެއް ވަނީ ލުބުނާނުގެ ވައިގެ ސަރަހައްދަށް ވަދެ ބެއިރޫތުގެ ދާހިއްޔާ އަވަށާއި ހަދަތު އަވަށުގެ އިމާރާތްތަކަށް ވައިގެ ހަމަލާތަކެއް ދީފައި އެވެ. އަދި ހަމަލާތަކާއި އެކު އެސަރަހައްދުން ކަޅު ދުން އަރަމުންދާ މަންޒަރުތައް ލުބުނާނުގެ މިޑިއާތަކުން އަންނަނީ ވަގުތުން ދައްކަމުންނެވެ.
މި ހަމަލާއަށްފަހު އިޒްރޭލުގެ ޑްރޯންތައް ކުޑަވަގުތުކޮޅަކަށް ލުބުނާނުގެ ވައިގެ ސަރަހައްދުން ބޭރަށް ދިޔަ ނަމަވެސް އަނެއްކާވެސް އެ ޑްރޯންތައް މިހާރު އަންނަނީ ބެއިރޫތުގެ މަތީގައި އުދުހެމުންނެވެ.
މި ހަމަލާއަކީ ހިޒްބުاللهގެ ބައްދަލުވުމެއް ހިނގަމުންދިޔަ އިމާރާތަކަށް ދިން ހަމަލާއެއް ކަމަށް ބައެއް ރިޕޯޓުތައް ބުނަމުން ދިޔަނަމަވެސް އަދި މިހާތަނަށް މިކަން ކަށަވަރުވެފައި ނުވެއެވެ. އަދި ޔަހޫދީންގެ ހަމަލާއާއި ގުޅިގެން ހިޒްބުاللهއިންވެސް ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިރޭ ހުއްޓާލާނެ ކަމުގެ އިޝާރާތެއް!

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!




