
ޑަބްލިއު.އެސް.އީ.ޕީ ގައިޑްބުކް ލޯންޗުކޮށް އަހުލުވެރި ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި
# ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ--
ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭން (ވޯޓާ އެންޑް ސްވަރޭޖް އިމަޖަންސީ ރެސްޕޮންސް ޕްލޭން) (ޑަބްލިއު.އެސް.އީ.ޕީ) ގައިޑްބުކް އަދި ޓެމްޕްލޭޓްތަކަށް ޔުޓިލިޓީތައް އަހުލުވެރި ކުރުމަށް ޓްރެއިނިންގ ޕޮރޮގްރާމެއް ފަށައިފި އެވެ.

މިއަދު މާލޭގައި ފެށި މި ޕްރޮގްރާމަކީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދުގެ ދަށުން، މި ނިޒާމުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ މިނިސްޓްރީއިން ޑަބްލިއު.އެޗް.އޯ ގެ އެހީގައި ވަނީ ޚާއްޞަ ގައިޑްފޮތަކާއި ޓެމްޕްލޭޓްތަކެއް ތައްޔާރުކޮށްފައެވެ. މިއީ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ކުރިމަތިވެދާނެ ކާރިސާތަކާއި އިމަޖަންސީތަކުން އަރައިގަތުމަށް ބޭނުންވާ އިމަޖަންސީ ޕްލޭން ތައްޔާރުކުރުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ މިބާވަތުގެ ފުރަތަމަ ގައިޑްފޮތެވެ.
މި ގައިޑްފޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތެއް ނުވަތަ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، ފެނާއި ނަރުދަމާގެ ނިޒާމަށް ކުރިމަތިވެދާނެ ހިރާސްތައް ވަޒަންކުރުމާއި، އެކަމަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނިފައިވާނެއެވެ.
މީގެ އިތުރުން، ކުއްލި ހާލަތެއް ނުވަތަ ކާރިސާއެއް ކުރިމަތިވުމުން އިޖާބަދޭނެ ގޮތާއި، އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލެވިގެންވެއެވެ.
މިސާލަކަށް ފެނުގެ ކުއަލިޓީއާއި ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގެއްލުން ލިބުން ފަދަ ހާލަތްތަކަށް މި ޕްލޭންގައި އަލިއަޅުވާލެވޭނެއެވެ. އަދި މި ޕްލޭންގެ ސަބަބުން ޢާންމު ޞިއްޙަތު ރައްކާތެރިކަން ކަށަވަރުވެ، ފެނުގެ ކުއަލިޓީ ކަށަވަރު ކުރެވި، ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި، ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރާނެ ގޮތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ އަރައްކާތަކާއި ހާދިސާތަކުގެ ހިރާސް މެނޭޖްކުރެވިގެންދާނެއެވެ.
މި ގައިޑްފޮތާއި އެކު ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ކުރިމަތިވެދާނެ އިމަޖަންސީތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭންތައް ޔުޓިލިޓީތަކުން އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި މި ގައިޑްފޮތުގެ އެހީގައި ޔުޓިލިޓީތަކުން ތައްޔާރުކުރާ އިމަޖަންސީ ޕްލޭންތައް ވެގެންދާނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލޭންއަކަށެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގައި މިހާރު ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރެވިފައެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 91 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 133 ރަށެއްގައި ފެނުގެ ނިޒާމާއި، 93 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 144 ރަށެއްގައި ނަރުދަމާގެ ނިޒާމު ވަނީ ޤާއިމްކުރެވިފައެވެ.
ގުޅުންހުރި

ޑަބްލިއު.އެސް.އީ.ޕީ ގައިޑްބުކް ލޯންޗުކޮށް އަހުލުވެރި ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

5 މިލިއަން ގަސް ޕްރޮގްރާމާއި ބެހޭގޮތުން ޗައިނާގެ ފޮރެސްޓްރީ އިދާރާއާ މަޝްވަރާކޮށްފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި
