
5 މިލިއަން ގަސް ޕްރޮގްރާމާއި ބެހޭގޮތުން ޗައިނާގެ ފޮރެސްޓްރީ އިދާރާއާ މަޝްވަރާކޮށްފި
# ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ--
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފް އާއި 5 މިލިއަން ގަސް ޕްރޮގްރާމްގެ ޓީމް، ޗައިނާގެ ނެޝަނަލް ފޮރެސްޓްރީ އެންޑް ގްރާސްލޭންޑްސް އެޑްމިނިސްޓްރޭޝަނާ ބައްދަލުކޮށް، ނާސަރީއެއް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ގަސް އިންދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާ ކުރުމަށްޓަކައި ނާސަރީއެއް ތަރައްޤީ ކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އަތީފް ވިދާޅުވީ، "5 މިލިއަން ގަސް ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެއް. މި މަޝްރޫއުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް."
ޗައިނާގެ ނެޝަނަލް ފޮރެސްޓްރީ އެންޑް ގްރާސްލޭންޑްސް އެޑްމިނިސްޓްރޭޝަނުގެ އިސްވެރިން މި ބައްދަލުވުމުގައި ފާހަގަކުރެއްވީ، ދިވެހިރާއްޖެއާއެކު މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ހުރިކަމެވެ. އަދި ނާސަރީ ތަރައްޤީކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަންވެސް އަންގަވާފައިވެއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ޑަބްލިއު.އެސް.އީ.ޕީ ގައިޑްބުކް ލޯންޗުކޮށް އަހުލުވެރި ކުރުމަށް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

5 މިލިއަން ގަސް ޕްރޮގްރާމާއި ބެހޭގޮތުން ޗައިނާގެ ފޮރެސްޓްރީ އިދާރާއާ މަޝްވަރާކޮށްފި

ކެންދޫއާއި ދޮންފަނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށްފި
