
ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދުމަށް ޓިކްޓޮކާއި އެކު މަޝްވަރާކޮށްފި
# ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ--
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެމްއެމްޕީއާރްސީގެ ބައެއް ވެރިން، މިއަދު ޓިކްޓޮކްގެ އިސް ވަފުދަކާ ބައްދަލުކޮށްފިއެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާއި އެހެނިހެން މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި އެވެ. އަދި ޓިކްޓޮކް ޕްލެޓްފޯމްގެ މައިގަނޑު ސިފަތަކާއި ބޭނުންކުރާ ގޮތްތަކާ ބެހޭ ގޮތުން ޓިކްޓޮކްގެ ފަރާތުން ވަނީ މަޢުލޫމާތު ދީފައި އެވެ. މީގެ އިތުރުން، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ދާއިރާގައި ކުރިއެރުން ހޯދުމަށާއި، އާ ގޮތްތައް ތަޢާރަފުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.
މި ބައްދަލުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ހޯދުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދަ ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ.