
އަމިއްލަ ދަނޑުގައި މަޔޯކާ އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
# ބޭރު ދުނިޔޭގެ ކުޅިވަރު# މަޔޯކާ # ބާސެލޯނާ# ސްޕެނިޝް ލަ ލީގާބާސެލޯނާއި މަޔޯކާ ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ސެލްޓަވީގޯ އަތުން މޮޅުވިއިރު، ލީގުގައި މަޔޯކާ އިން އެންމެ ފަހުން ލެގަނޭސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ މަޔޯކާގެ ގޯލަށް 24 ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން ފަސް ހަމަލާއެއް ގޯލާއި އަމާޒުވި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ޑެނީ އޯމޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބާސެލޯނާ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ބާސެލޯނާއަށް 76 ޕޮއިންޓް ލިބިފައިވާއިިރު، އެޓީމު މިވަގުތު އޮތީ އިތުރަށް އެއްމެޗު ކުޅެ ހަތް ޕޮއިންޓްގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި މަޔޯކާ އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ.