
އެސްޓަންވިލާ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ތިންވަނައަށް
# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓާ ސިޓީ # އެސްޓަން ވިލާ # ބޭރު ދުނިޔޭގެ ކުޅިވަރުމެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން....
އިނގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެސްޓަންވިލާ ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެފައިވާއިރު، ލީގުގައި އެސްޓަންވިލާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ސައުހެމްޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަންވިލާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ.
ނަމަވެސް އޭގެ 11 މިނެޓު ފަހުން އެސްޓަންވިލާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމު އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުން ސިޓީ މޮޅުވި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު މެތިއަސް ނުނޭސް އެވެ.
މިއީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިނިް ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން މެންޗެސްޓާ ސިޓީއަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 34 މެޗުން ލިބުނު 57 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ.