logoEN
Sto top
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ރެއާލް މެޑްރިޑުން ބިލްބާއޯ ބަލިކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ރެއާލް މެޑްރިޑުން ބިލްބާއޯ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/21/2025, 6:02:21 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރެއާލް މެޑްރިޑް# އެތްލެޓިކް ބިލްބާއޯ

ރެއާލް މެޑްރިޑާއި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން .

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.

Wamco

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އަލަވޭސް އަތުން މޮޅުވެފައިވާއިރު، ލީގުގައި އެތްލެޓިކް ބިލްބާއޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިލްބާއޯ އިންނެވެ.

އަނިޔާއި ސަސްޕެންޝަނުގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ރެއާލް މެޑްރިޑުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި 0-0 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ވިނިސިއަސް ޖޫނިއަރ ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑަރީކޯ ވަލްވާޑޭ އެވެ.އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން ރެއާލް މެޑްރިޑަށް 69 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެތްލެޓިކް ބިލްބާއޯ އިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 57 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside