logoEN
Sto top
ފަހުވަގުތު ސެލްޓަވީގޯ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ފަހުވަގުތު ސެލްޓަވީގޯ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ހަސަން ޝަމްއޫން

logo

4/19/2025, 9:40:50 PM

# ބާސެލޯނާ# ސެލްޓާ ވިގޯ # ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ

ބާސެލޯނާއި ސެލްޓަވީގޯ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި އާދިއްތަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ލެގަނެސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސެލްޓަވީގޯ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެސްޕަނިއޯލް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސެލްޓަވީގޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ބޯހާ އިގްލޭސިއަސް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ސެލްޓަވީގޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިގްލޭސިއަސް އެވެ. އަދި އޭގެ 10 މިނެޓް ފަހުން އިގްލޭސިއަސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ނަމަވެސް އޭގެ ދެމިނެޓް ފަހުން ބާސެލޯނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މިޑްފީލްޑަރު ޑެނީ އޯލްމޯ އެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިހާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް ރަފީނިހާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން ބާސެލޯނާއަށް 73 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސެލްޓަވީގޯ ލީގުގައި ކުޅުނު 32 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އަށް ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside