އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްރަފާހާ އިބްރާހިމް (ރައްފު) އަދި ޝިޒުނާ ރަޝީދު ( ޝިޒޫ)..
އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން (އައިއެޗްއެފް) ޓްރޮފީ ވުމެންސް ޒޯން 3 ސެންޓަރަލް އޭޝިއާ މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖެގެ ދެ ރެފްރީއަކަށް ލިބިއްޖެއެވެ.

22 އެޕްރީލް 2025 އިން 26 އެޕްރީލް 2025 އަށް ޕާކިސްތާނުގެ ފައިސަލްއާބާދުގައި އޮންނަ މިމުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ހޭންޑްބޯޅަ އަންހެން ދެ ރެފްރީން ކަމަށްވާ ރަފާހާ އިބްރާހިމް (ރައްފު) އަދި ޝިޒުނާ ރަޝީދު( ޝިޒޫ) އެވެ.
ހޭންޑްބޯޅަ އަކީ މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެވެ. އަދި ރައްފު އާއި ޝިޒޫ އަކީ މިވަގުތު ރާއްޖޭގައި ހޭންޑްބޯޅަ ރެފްރީކަން ކުރާ ފަރާތްތަކުގެ ތެރެއިން ސަރަހައްދީ ރެފްރީސް ބެޖު ހާސިލްކޮށްފައިވާ ދެ ރެފްރީންނެވެ. އަދި މިއީ އައިއެޗްއެފް މުބާރާތެއްގައި ސަރަހައްދީ ބެޖާއެކު ދިވެހި ރެފްރީން ތަކެއް ފެނިގެންދާ ފުރަތަމަ މުބާރާތެވެ.
މިމުބާރާތުގައި ރާއްޖޭގެ އިތުރުން އީރާން، ތައިލެންޑް އަދި އުޒުބަކިސްތާންގެ ރެފްރީން ފެނިގެންދާއިރު، ރައްފު އަދި ޝިޒޫއަށް ލިބުނު މިފުރުސަތަކީ ރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ގައުމަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފަކާއި ފަޚްރެކެވެ. އަދި މިމުބާރާތަކީ އައިއެޗްއެފް ރެފްރީ ބެޖު ހާސިލުކުރުމަށް މި ދެ ރެފްރީންނަށް ވެސް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.
ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 10 ޓީމަކުން ވާދަކުރާއިރު، 17 އަހަރުން ދަށުގައި ބައިވެރިވެފައި ވަނީ ކަޒަކިސްތާ، ޕާކިސްތާން، ތުރުކަމަނިސްތާން، އުޒުބަކިސްތާން އަދި ތަޖަކިސްތާން އެވެ. އަދި 19 އަހަރުން ދަށުގައި ބައިވެރިވެފައި ވަނީ މޮންގޯލިއާ، ޕާކިސްތާން، ތުރުކަމަނިސްތާން، އުޒުބަކިސްތާން އަދި ތަޖަކިސްތާން އެވެ.