
ޖެނެރޭޝަނަލް ބޭން 2007 ވަނަ އަހަރުން ފެށިގެން ކަނޑައަޅަން ނިންމި ސަބަބު ރައީސް ހާމަކުރައްވައިފި
# ރައީސް މުއިއްޒު--
ދުންފަތާ ދުރުހެލި ކުރުވަން "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާ ޢުމުރާފުރާއަކީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ކަމުގައި ކަނޑައެޅި ސަބަބު ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް އެކަމުގެ ތަފްސީލް ހާމަކުރެއްވީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ޕޯލްއެއް ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދެވި ކަމަށާއި ނަމަވެސް އެޕޯލްގައި ގިނަ ބަޔަކު ވޯޓު ދީފައިވަނީ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާ ޢުމުރާފުރާއަކީ 01 ޖަނަވަރީ 2000 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރު ކުރަން އުޅޭއިރުގައި، އެ ރައްޔިތުންނަށްވެސް ފަސޭހައިން ބަލައިގަނެވޭނެ ގޮތަކަށް ޕްރެކްޓިކަލީ، ނޫނީވިއްޔާ ޢަމަލީގޮތުން މެދުމިނުގެ ސިޔާސަތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެނިންމުން ނިންމެވީ ޕޯލުގައި ވޯޓުދެއްވި ފަރާތްތަކަށް އިޙްތިރާމް ނުކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި ވިންފުންފުޅު ބައްޓަންކުރެވީ މިހާރު ތިބި ޒުވާނުންނަށް އެކަމުން ސަލާމާތްވާންވެސް ފަސޭހަވާނެ ގޮތެއް ހޯދުމަށް ކަމަށާއި މައިންބަފައިންނަށްވެސް އެކަމުގައި އެ ޒުވާނުން އެކަމުން ދުރުކުރަން ފުރުޞަތު ދޭން ކަމަށެވެ.
"އަޅުގަނޑު ބޭނުމީ، މިކަމުގައި ރަނގަޅު ނަތީޖާއެއް ނުކުންނަން. އަޅުގަނޑުމެން މިކަމުގައި ޤާނޫނު ހަދައިގެން ތަންފީޛު ކުރަން އުޅެގެން، މަޖުބޫރު ކަމެއްގެ ތެރެއިން މިކަން ކުރުވަން އުޅޭއިރުގައި، ނަތީޖާ ރަނގަޅު ނުވެއްޖިއްޔާ، ރަނގަޅެއް ނުވާނެ ނޫންތޯ؟ ކުރަން އުޅޭ ކަމެއް ހާސިލެއްނުވެއޭ. އަޅުގަނޑުގެ މަޤްޞަދަކީ، ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުވުން. އެންމެންވެސް. ވަކި ޢުމުރެއް ނޫން. އެންމެންވެސް ދުރުކުރުވުން. އެކަމަކު މި ނަތީޖާއާ ހަމަޔަށް ދާން ބޭނުންވާ ކަމަށްވަންޏާ، އެކަން އެންމެ ބޮޑަށް ހާސިލުވެވޭނެ ގޮތަކަށް އަޅުގަނޑަށް ފެނުނީ، ދެވަނައަށް އެންމެ ގިނަ މީހުން މި ވޯޓުދިން ޢުމުރަށް ދާން. " ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެނިންމުން ނިންމެވީ 18 އަހަރާއި 25 އަހަރުގެ ކުދިންނާއި ވެސް މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އެމަޝްވަރާތަކަށްފަހު ގަބޫލުކުރެވުނީ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރާ ޢުމުރާފުރާއަކީ 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން ކަމުގައި ކަނޑައެޅުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތަޢާރަފުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ގުޅުންހުރި

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ

ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް
