
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނިތަކަކީ ފައިދާ ނެރެވޭ ކުންފުނިތަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތް ހަލުވިކުރުމަށް އަމާޒުހިފާފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ)ން ބުނެފިއެވެ.

މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ޕީސީބީގެ ރައީސް އަލްފާޟިލް މުޙައްމަދު އަނަސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސް ވަރުގަދަ ކުރުމަށް ގަވަނަންސް ކޯޑު ރިވައިޒް ކުރުމަކީ މިވަގުތު އެންމެ އިސްކަމެއްދެއްވާ އެއް މަސައްކަތް ކަމުގައެވެ.
އަދި ކުންފުނިތައް ހަރުދަނާ ކުރުމަށް ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ނަތީޖާއަކީ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑް ލިބިގެން ދިއުންކަމަށްވެސް އަނަސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލަންޖެހޭ ޕޮލިސީތައް ހެދުމަށް ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުންފުނިތަކުން ޕޮލިސީތައް އެކުލަވާލަނީ މި ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށް ކަން ކަށަވަރުކޮށް އެކަންކަން މޮނިޓަރ ކުރުމުގެ މަސައްކަތް ޕީސީބީން ކުރަމުންދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
ޕީސީބީގެ މަސައްކަތް ރޭވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ މަސައްކަތްތަކާއި އެލައިންވާ ގޮތަށް މަސަކަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.