
--
ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ މިހާރު ހިންގަމުންދާ އިމާރާތް ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ގްރީންގެ އިމާރާތް ހުރީ ވަރަށް ބޮޑަށް ފަނާވެފައި ކަމަށާއި އެ އިމާރާތަކީ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަންވެސް ފާހަގަކުރައްވާފައެވެ. ގްރީންގެ އިމާރާތުގެ ހާލަތު ބައްލަވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޑްރަގަށް އޮންނަ ޑިމާންޑް ދަށްކުރުމަކީ އެންޑީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުވެސް އިތުރަށް ތަރައްގީ ކޮށް ގިނަ މީހުންނަށް ޚިދުމަތް ލިބޭނެ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސަރވިސް ސެންޓަރާއި އަދި ގަގަން ކްލިނިކުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ. މިޒިޔާރަތުގައި އެތަނުގައި ކުރަމުންދާ މަސައްކަތްތަކާއި ތަނުގެ ހާލަތު ބައްލަވާ، އަދި މުވައްޒަފުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ.
މީގެއިތުރުން މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު ކުޑަކޮށް، ބާއްޖަވެރި މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެ އެޖެންސީގެ މުވައްޒަފުން އަދާކުރައްވާ ދައުރު ފާހަގަކުރައްވާ މިނިސްޓަރ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެެވެ.
ގުޅުންހުރި

ގައުމެއްގެ ގޮތުގައި ގައުމެއް ދެމިއޮތުމުގެ އެންމެ މުހިންމު ކަމަކީ ދާހިލީ ސަލާމަތާއި ރައްކާތެރިކަން - އިހްސާން

ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވިއްޖެ: އިހްސާން

ގްރީންގެ ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި، އެކަމަށް ހައްލުގެންނާނަން: އިހްސާން
