
"ބާނި"ގެ ނަމުގައި ފީނުމުގެ ޙަރަކާތެއް ބާއްވަނީ
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ--
"ބާނި"ގެ ނަމުގައި ފީނުމުގެ ޙަރަކާތެއް ބޭއްވުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ބ. އަތޮޅު ކައުންސިލުން އެ ކަން ހާމަކުރެއްވީ މިއަދު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރެއްވުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފީނުމުގެ މި މުހިންމު ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު އަނގަފަރު ސަރަޙައްދުގައެވެ. އެ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ޙަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމެވެ.
އިތުރު ތަފްޞީލު ދެއްވަމުން ބ. އަތޮޅު ކައުންސިލުން ވިދާޅުވީ "ބާނި"ގެ ނަމުގައި ބާއްވާ ފީނުމުގެ މި ޙަރަކާތުގައި 1000 މީހުން ފީނާ ގޮތަށް ހަމަޖައްސަވައިފައިވާ ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.
ފީނުމުގެ ޙަރަކާތާ ބެހޭ މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ބ. އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި، އެ އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ކުލަސްޓަރ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ ސިމަން ހާދީ ބައިވެރިވެވަޑައިގެންނެވިއެވެ.