
--
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2025 ވަނަ އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިޢުލާންކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެކުންފުނީގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރުން ފެށިގެން 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުން ކަމަށެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ އެއްގަމު އުޅަނދުފަހަރުގެ މަރާމާތު، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތު، އަދި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއެވެ. މި ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މި އަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުސަތު ދެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މި ކޯޕަރޭޝަންގެ ހެޑް އޮޕް މާކެޓިންގް ޑިޕާޓްމަންޓް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، 2016 އިން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިހާރުވެސް އެޗްޑީސީ އާއި އެހެނިހެން ކުންފުނިތަކުގައި އެކި މަގާމުތަކުގައި ހިދުމަތްކުރަމުން ގެންދާ ކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މި ޕްރޮގްރާމްގެ ތެރެއިން ގިނަ ޒުވާނުން ތަމްރީނުކުރެވި، މަސައްކަތުގެ މާހައުލަށް ނުކުތުމެވެ."ޝަހީދުވި ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

އެޗްޑީސީގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަނުކޮށްފި

އެޗްޑީސީގެ 2025 ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއުލާނުކޮށްފި

ހިޔާގައި އަލަށް ހަރުކުރާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރަށް ނިމި ބޭނުންކުރަން ފެށޭނެ - އެޗްޑީސީ
