
--
އިދިކޮޅު އެމްޑީޕީގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް އޮގަސްޓު 15 ގެ ކުރީން ބޭއްވުމަށް އެޕާޓީއިން މިރޭ ނިންމައިފި އެވެ.

މި ނިންމުން އެޕާޓީން ނިންމީ މިރޭ ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި އެވެ.
އެމްޑީޕީގެ މައި އޮފީހުގައި ކުރިޔަށް ދާ މިރޭގެ ޖަލްސާގައި ވަނީ އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ބޭއްވުމާއި މެދު ކޮމިޓީ އެއް އެކުލަވާލަންވެސް ނިންމާފައި އެވެ. އަދި އެކޮމެޓީގެ ރިޕޯޓުން އަންނަ މަހުގެ 15 ގެ ކުރީން ގައުމީ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަނީ މިރޭގެ ޖަލްސާގައި ނިންމާފައި އެވެ.
މި ނިންމުންތައް ނިންމާފައިވަނި މިރޭގެ ގައުމީ މަޖިލިސްގައި ބައިވެރިވެ 85 މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
ބެލެވޭ ގޮތުގައި އެމްޑީޕީން ޚާއްސަ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުން މިދަނި އެޕާޓީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ. އަދި އޭގެ އިތުރުން އެމްޑީޕީ ދެބައިކޮށްލައި އުފެއްދި ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތް ކުރުމާއި މެދު ގޮތެއް ނިންމުމަށެވެ.