--
އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން އިންތިޒާމްކުރި ތްރީ ޖެނެރޭޝަން ވޯކް (3GenWalk) މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.

ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރި މިއިވެންޓުގައި ހާއްސަ ހިނގާލުމަކާއި ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނި ފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
މި އިވެންޓަކީ ދޮށީއުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން މާލީ ހޭލުންތެރިކަން އިތުރުކުރުުމަށް ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
މިއަދު ބޭއްވުނު މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެވެ.
މި ހަރަކާތަކީ މާލީ ހޭލުންތެރިކަމާއި، ދިގު މުއްދަތުގެ ރިޓަޔަރމަންޓް ޕްލޭނިންގ އަށް ހިތްވަރުދިނުމުގެ މަގުޞަދުގައި ބޭއްވޭ ހިނގާލުމެކެވެ. އަދި މި ހަރަކާތުގެ ޒަރީއާއިން ޖީލުތަކުގެ މެދުގައި މާލީ ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކޮށް، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި، އަދި ރިޓަޔަރމަންޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މަގުފަހިކޮށްދެއެވެ.






