
--
ދަރީންނަށް ތަޢުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އެރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ "ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު" މި މައުޞޫއަށެވެ. އެގޮތުން އިސްލާމްދީނުގައި ތައުލީމު އުގެނުމުގެ މުހިންމުކަން އޮތް މިންވަރު މިއަދުގެ ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ.
މިގޮތުން އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅުންކަން ހުތުބާގައި ވެއެވެ. މާތް الله ވަޙީކުރައްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."
މާތް اللهގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ محمد ﷺ ތަޢުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ محمد ﷺ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވިކަމަށެވެ. އަދި ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމުތައް، ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި، އައު އެތައް އީޖާދެއް ކޮށް، ފޮތްތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރި ކަމަށާއި މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ ސިކުނޑިތައް ހުޅުވުނުކަމަށާއި އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމުވި ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ.
މިދިޔަ ހަފްތާގައި ފެށުނު ދިރާސީ އަހަރާއި އެކު ހުތުބާގައި ވަނީ، ދަރިވަރުން އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށާއި ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ކުދީންގެ ހުސްވަގުތު ފަޅުފިލުވައިލުމަށް ގޮވާލާފައި އެވެ.
އަދި ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެން ކަމަށާއި ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކޮށްގެންކަންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކުރުމަށް ނަސޭހަތްތެރިވެ ހުތުބާގައި ބުނީ އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމަށާއި މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް ކަމަށެވެ. އަދި އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށާއި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށެވެ.
މައިންބަފައިންނާއި ދައުލަތުން، ކުދީންގެ ތައުލީމާއި ތަރުބިޔަތަށް ޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ގޮވާލާ ހުތުބާގައި ބުނީ ކުދީން އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދުމަށާއި މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރުމަށެވެ.
"އިސްލާމް ދީނާއި ވަޠަނަށް ޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށް ޓަކައި، ތިޔަކުދީންގެ ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރާށެވެ! އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ! " ހުތުބާގައި ވަނީ ބުނެފައި އެވެ.
ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި އެެދުރުންގެ މުހިންމުކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ މި ފަދަ ތަރުބިޔަތެއް އެ ކުދީންނަށް ދެވޭނީ، ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާ އެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށެވެ.
"ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބަލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅުބަހައްޓަވާށެވެ! އެ ކުދީންނަށް ރަނގަޅު ކަމުގައި ފެންނާނީ، ތިޔަ އެދުރުން އެކުދީންނަށް ރަނގަޅުކަމުގައި ދެއްކެވި ކަމެކެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ، ތިޔަ އެދުރުން އެ ގޮތަށް ދެކެވަޑައިގަންނަވާ ކަންކަމެވެ. ވީމާ އެ ކުދިން އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާން ދަންނަ ބަޔަކަށް ހަދާށެވެ! އެ ކުދީންނަކީ، ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދާށެވެ! " ހުތުބާގައި ބުންޏެވެ.
ތަރުބިޔަތުކުރުމަކީ، ހުނަރުވެރި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި ހުތުބާގައި ވަނީ އިބްނު ޚަލްދޫން ، ޚަލީފާ ހާރޫނުއްރަޝީދު، އެ ޚަލީފާގެ ދަރިކަލުން އަލްއަމީނުގެ މުދައްރިސު ޚަލަފުލްއަޙްމަރަށް ވިދާޅުވި ބަސްފުޅެއް ފާހަގަކޮށްފައި އެވެ.
"އަމީރުލް މުއުމިނީން ތިބާއާ މި ޙަވާލުކުރައްވަނީ، އެ ޚަލީފާގެ ހިތްޕުޅުގެ އުފަލާއި އަރާމެވެ. ވީމާ އޭނާއާ މެދު ތިބާ ޒިންމާދާރުވާށެވެ! އަދި އޭނާ ތިބާއަށް ކިޔަމަންކުރުވާށެވެ! އަމީރުލްމުއުމިނީން އެދިވަޑައިގަންނަވާ ފަދަ އުސްތާޛަކަށް ތިބާ ވާށެވެ! އޭނާއަށް ޤުރްއާން ކިޔަވައިދޭށެވެ! އޭނާއަށް ތާރީޚު އުނގަންނައިދޭށެވެ! އޭނާއަށް ޅެން އުނގަންނައިދޭށެވެ! ކީރިތި ރަސޫލާ zގެ ސުންނަތް އޭނާއަށް ކިޔަވައިދޭށެވެ! ވާހަކަދައްކާންވީ ޙާލަތްތަކާއި ވާހަކަ ފަށާންވީ ގޮތް ބުނެދޭށެވެ! މުނާސިބު ވަގުތުތަކުގައި މެނުވީ ހުނުން އޭނާއަށް މަނަޢަކުރާށެވެ! ބަނީ ހާޝިމުގެ ބޮޑުންނަށް އިޙްތިރާމުކުރާން ދަސްކޮށްދޭށެވެ! އެއިން ބޭފުޅަކު އޭނާގެ މަޖިލީހަށް ވަޑައިގެންފި ނަމަ، ވެރީންގެ މަޖިލިސް ނިންމައިލައްވާން ހަނދުމަކޮށްދޭށެވެ! ފައިދާހުރި ކަމެއް އުނގަންނައި ނުދީ، އެންމެ ގަޑިއެއްގެ އިރު ވެސް ފާއިތުވެގެން ދިޔަ ނުދޭށެވެ! އެކަމަކު އެ ކަމުގައި ޙައްދުފަހަނަޅައި ނުދާށެވެ! އޭރުން އެ ކަންތައް ވާނީ ބޮޑު ފޫހިކަމަކަށެވެ. އަދި އޭނާގެ ސިކުނޑިއަށް ލިބޭ ބޮޑު ބުރައަކަށެވެ. ކަމެއް ނެތި ހުހަށް ހުންނާން ދޫކޮށްނުލާށެވެ! ތިބާއަށް ކުރެވޭން އޮތް ހައި ވަރަކަށް އޭނާއަށް އުޅުންތެރިކަން ދަސްކޮށްދޭށެވެ! އެކަމަކު އިޚްލާޞްތެރިކަމާއި، ލޯތްބާއި، ކުލުނާ އެކުގައެވެ. "
ދަރީންނަށް ތަޢުލީމުދީ، އެ ކުދީން ތަރުބިޔަތު ކުރެއްވުމަށް ޓަކައި، މައިންބަފައިން ކުރައްވާ މަސައްކަތަށް ތަޢުރީފު ޙައްޤުކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ ކުދީންގެ ބޭނުންތައް ފުރިހަމަކޮށްދެއްވައިގެން، ކޮންމެ ދުވަހަކު އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަމަސައްކަތް ކުރައްވާ މަންޒަރަކީ، އުފާވެރި މަންޒަރެއް ކަމަށެވެ.
"ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވައިފައިވާ އަމާނާތެކެވެ. މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރެވިއްޖެ ނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެއެވެ. ވީމާ ދަރީންނަށް އިސްލާމީ ރިވެތި އަދަބާއި، އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތަށް ޢަމަލުކުރާން ދަސްކޮށްދޭށެވެ! ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެ ކުދީން ހަދާށެވެ. " ހުތުބާގައި ބުންޏެވެ.
މަދްރަސާއަކީ، ދަރީންގެ ދެވަނަ ހިޔާވަހިކަމަށާއި އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ،. އެގޮތުން މަދަރުސާއިން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެ ކަމަށާާއި ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން ޢާންމުވާނެކަނަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. ހުތުބާގައި އިތުރަށް ބުނީ މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ، މަދްރަސާއާއި، މުދައްރިސުންނާއި، ބެލެނިވެރީން ގުޅިގެން ކަމަށާއި އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި، އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެން ކަމަށެވެ.
ހުތުބާގައި ވަނީ ދަރީންނަށް ތަޢުލީމާއި، ތަރުބިޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އަރުމަށް ގޮވާލާފައި އެވެ. އެގޮތުން އެންމެންގެ ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާއިން ޒީނަތްތެރިކުރުމަށާއި ހެޔޮ ގޮތުގައި ޤައުމު ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ، ދެމެހެއްޓޭނީ އެއިރުން ކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
