.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ
# ހުތުބާ--
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަން މިއަދުގެ ހުކުރު ހުތުބާގެ ހަދާންކޮށްދީފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ "މުސްލިމް އަޚާއަށް ހެޔޮކޮށްހިތުން" މި މައުޞޫއަށެވެ. އެގޮތުން އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީންކަން ހުތުބާގައި ވަނީ ބުނެފައި އެވެ.
އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށާއި މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫން ކަން ހުތުބާގައި ބުނެފައި އެވެ. އެހެނީ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ހުތުބާގައި ބުނެފައި އެވެ.
ތާރީޚުގެ ފަތްފުށްތަކުން މި ކަން ރީތިކޮށް ފެންނާން އެބަ ހުރިކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީވެސް އެ ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށާއި އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ އެ ސަބަބުތަކާ ހުރެކަމަށް ހުތުބާގައި ބުންޏެވެ.
އެގޮތުން މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
ހުތުބާގައި އިތުރަށް ބުނީ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށާއި އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވި ކަމަށެވެ. މި ގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މަނާކުރައްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ."
އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާޠަބުކުރުން މަނާކުރައްވައި މާތް الله ވަޙީކުރައްވި ބަސްފުޅެއްގެ މާނާގައި ވެއެވެ.
"އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް ފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ."
މުޖުތަމަޢުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ޤަބޫލުކުރުމާ ބެހޭ ގޮތުން އެކަލާނގެ ވަޙީކުރެއްވި ބަަސްފުޅެއްގެ މާނާގައި ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."
ހުތުބާގައި އިތުރަށް ބުނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށް ކަމަށެވެ. އަދި ހަމަ އެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށް ކަމަށެވެ.
އެހެންކަމުން، اللهއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށާއި ކޮންމެ މުސްލިމަކަށް ވެސް އެ މުސްލިމެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ދިނުމަށާއި ތިމާގެ ނަފްސަށް އެދޭ ކަންތައް ތިމާގެ މުސްލިމް އަޚާއަށް ވެސް އެދުމަށާއި އަނިޔާވެރިކަމުގެ ނުބައި ޢަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއިއަތް ގުޅުވައި މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި އެވެ.
މީގެ އިތުރުން އަޚުވަންތަކަމާއި، އެއްބައިވަންތަކަމަށް ތިމާ ވާޞިލުކޮށްދޭ ކޮންމެ ކަމެއް ކުރުމަށް ޢަޒުމުކަނޑައަޅައި އެ ކަން ކުރުމަށާއި އަދި އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެކަމަކުން ދުރުހެލި ވުމަށް ވެސް ނަސޭހަތްތެރި ވެފައި ވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
