
--
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު މިހާރު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށެވެ.
އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިރޭގެ 22:30 އިން ފެށިގެން ދަންވަރު 03:00 ގެ ނިޔަލަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ރާއްޖެއަށް މޫސުން ގޯސްވެފައިވަނީ ބެންގާލްގައި އުޅޭ ލޯ ޕްރެޝާގެ ސަބަބުން އުފެދިފައިވާ ވިއްސާރަވިލާތަކުގެ ސަބަބުންނެވެ. މިއާއި އެކު މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.