
ފަހަތުން އަރައި ޕީއެސްޖީ އިން އެސްޓަން ވިލާ ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީ# ޔުއެފާ ޗެންޕިއަންސް ލީގު# އެސްޓަން ވިލާޕީއެސްޖީ އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ އަތުން މޮޅުވެ ޕީއެސްޖީ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ދެވަނަ ބުރުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ. އަދި އެސްޓަން ވިލާ ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި 6-1 ގެ ނަތީޖާއަކުން ކުލަބު ބުރޫޖް ބަލިކުރުމަށްފަހު އެވެ. އަދި މިއީ ވާދަވެރި މެޗެއްގައި މިދެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އެސްޓަން ވިލާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މޯގަން ރޮޖާސް އެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒަޔާ ޑޫއޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުން ފުރަތަމަ ފަހަރަށް ލީޑިހޯދި ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޚަވިޗާ ކަވަރަސްޚެލިއާ އެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނޫނޯ މެންޑެސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އެސްޓަން ވިލާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޔޫރަޕްގެ ޗެންޕިއަން ރެއާލް ކަޓުވާލުމަށްފަހު އާސެނަލް ސެމީފައިނަލުން ޖާގަ ހޯދައިފި

އެސްޓަން ވިލާ ކަޓުވާލުމަށް ފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
