
އާ އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމް މިއަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފަށަނީ
# އެޑިއުކޭޝަން މިނިސްޓްރީ--
އާ އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ މޮޑިއުލްތައް މިއަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފައްޓަވާނެކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

2025 ވަނަ ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވިގޮތުގައި މި އެޑިޔުކޭޝަން މެނޭޖްމަންޓް ސިސްޓަމަކީ ތަޢުލީމީ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތައް، ހެއްކާއި ޤަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމަށް ބަލާ، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްޤީ ކުރެވިގެންދާނެ ސިސްޓަމެކެވެ.
މިއީ "ތައިބަ" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަނާއި ޔުނިސެފް ގުޅިގެން މިނިސްޓްރީގައި ގާއިމުކޮށްފައިވާ މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ތަޢުލީމީ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށްހުރި ގޮންޖެހުންތައް ފިލުވާލުމަށްޓަކައި "އެޑިއުކޭޝަނަލް ގަވަރނެންސް" އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މި ދިރާސީ އަހަރު ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ތަޢުލީމީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ ޑިވިޜަންތަކާއި ޑިޕާޓްމެންޓުތަކާއި ސެކްޝަންތަކުގެ އޮނިގަނޑުތައް މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.