-1717333641293.webp&w=3840&q=75)
--
މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން މިނިސްޓްރީއިން ނިންމައިފިއެވެ.

މިއަދު ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިކަމާގުޅޭ ގޮތުން ޕްރިންސިޕަލުންގެ މަޝްވަރާހޯއްދަވާފައެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާއެކު ސްކޫލުތަކުން ގުޅިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި، އެ ރަށްރަށުގައި ކުރިއަށްގެންދެވިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން ޚިޔާލުހޯއްދެވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައް ބޭއްވިކަމުގައި ވިޔަސް، ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އެކަންކަން އިންތިޒާމުކުރެއްވުމަށް ޕްރިންސިޕަލުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ހައްޤުތައް ކިޔާދީ, އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔާދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިއާއެކު މިނިސްޓަރ ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން, ވީހާވެސް ޚަރަދުކުޑަކޮށް އެ ދުވަހުގެ ހަރަކާތްތައް ރޭއްވެވުމަށް ސްކޫލުތަކަށް އިރުޝާދުދެއްވާފައެވެ.
މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި މިނިސްޓްރީއިން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްގެންދާނެއެވެ. އަދި މި ޙަރަކާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީއިން އާންމުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާނެއެވެ.