
ދީނީ ކަންކަމަށް ސަމާލުކަންދީ ރިވެތި އަޚުލާޤުން ޖަރީވުމަށް އާޒިމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި
# އާދަމް އާޒިމް--
ދީނީ ކަންކަމަށް ސަމާލުކަންދީ، ރިވެތި އަޚުލާޤުން ޖަރީވުމަށް، ލޮބުވެތި ދަރިވަރުންނަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފި އެވެ.

މޭޔަރ ޢާޒިމް ދަރިވަރުންނަށް މި ފަދައިން އިލްތިމާސްކުރައްވާފައި ވަނީ، ދިގު ޗުއްޓީއަކަށް ފަހު މިއަދު މި ފެށުނު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުން އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި ކުރެއްވި ޕޯސްޓުގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، އުނގަންނައިދޭ ޢިލްމާއި އެއްވަރަށް، ދަރިވަރުންގެ ކިބައިގައި، ރިވެތި އަޚުލާޤު އަށަގަންނުވައި، ޤައުމަށް ބޭނުންހިފޭ، މުޖުތަމަޢުގެ އަގުތަކަށް އިޙުތިރާމް ކުރާ، މުޖުތަމަޢު ބަލައިގަންނަ ފަދަ ގޮތަކަށް، ދަރިވަރުން ތައްރުބިއްޔަތުކޮށް ދެއްވެމަށް، ތަރުބިއްޔަތުކުރުމުގެ ޒިއްމާ އުފުއްލަވަމުންގެންދަވާ ހުރިހާ ފަރާތްތަކުގެ އަރިހުން އެދޭ ކަމަށެވެ. އަދި މި ފެށުނު ތަޢުލީމީ އާ އަހަރު، ޢިލްމާއި ފަންނާއި ހުނަރުން، ނަފުސު ޒީނަތްތެރި ކުރުމުގެ އިތުރުން، ދީނީ ކަންކަމަށް ސަމާލުކަންދީ، ރިވެތި އަޚުލާޤުން ޖަރީވުމަށް، ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރައްވާ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
"މި ފެށުނު ދިރާސީ އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު ދިރާސީ އަހަރަކަށް ވުމަށްއެދި ދުޢާކުރަން. ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރާއްޖޭގެ ލޮބުވެތި ކިޔަވާކުދިންނާއި، އުނގަންނައި ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ ހުރިހާ ޚިދުމަތްތެރިންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ ދަންނަވަން." މޭޔަރ ޢާޒިމްގެ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް މި އަދު ވަނީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާފަންނު މަދަރުސާއަށް ވަޑައިގެން ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެން، ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަ ފުޅުދައްކަވާފައެވެ. އަދި އެސެމްބްލީއަށް ފަހު ދަރިވަރުންނާއި ޓީޗަރުންނާއެކު މޭޔަރ ޢާޒިމް ގްރޫޕް ފޮޓޯއެއް ވެސް ނެންގެވިއެވެ.
ގުޅުންހުރި

ދީނީ ކަންކަމަށް ސަމާލުކަންދީ ރިވެތި އަޚުލާޤުން ޖަރީވުމަށް އާޒިމް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

ފެން އިސްރާފު ވެދާނެ ޢަމަލުތަކުން ދުރުވެތިބުމަށް މޭޔަރ ޢާޒިމް އިލްތިމާސްކުރައްވައިފި

މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސް ކުރެވެން ފަށައިފި - އާޒިމް
