
ޤައުމީ ދުވަހާ ގުޅިގެން މޭޔަރ އާޒިމް: "الله ވަހުޖުފުޅު އަދައިގެން ކުރާ ޖިހާދުން ނަސްރު ލިބޭނެ"
# އާދަމް އާޒިމް-
ކިތަންމެ ބައި މަދު ނަމަވެސް، الله ވަހުޖުފުޅު އަދައިގެން ކުރާ ޖިހާދުން ނަސްރު ލިބޭނެކަމަށް މާލެ ސިޓިގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މި އަދު ފާހަގަ ކުރަމުންދާ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން، އެ މަނިކުފާންގެ އަމިއްލަފުޅު، ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ޤައުމީދުވަހުން ހަނދާންއާކޮށްދެނީ، ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ހިތްވަރުގަދަ، ޢަޒުމް ވަރުގަދަ، ބައި މަދު ލަޝްކަރު، ޖިހާދު ކުރެއްވުމުގައި ގެންގުޅުއްވި، ޙިކުމަތްތެރިކަމާއި، ރޭވުންތެރިކަމާއި، ހިތްވަރު ގަދަކަމުގެ ފުރިހަމަ ނަމޫނާ ކަމަށެވެ. އަދި ކިތަންމެ ބައި މަދު ނަމަވެސް، الله ވަހުޖުފުޅު އަދައިގެން ކުރާ ޖިހާދުން ނަސްރު ލިބޭނެކަން ވެސް މޭޔަރ ޢާޒިމް ވިދާޅުވެފައިވެއެވެ.
"ޤައުމީ ދުވަހުން އަޅުގަނޑުމެންނަށް ބުނެދެނީ، ދިވެހި ޤައުމަކީ، ޤައުމަށް ދިމާވާ، މި ފަދަ ނުރައްކާތެރި ކޮންމެ ޙާދިސާއަކާ ގުޅިގެން، އެ ޙާލަތާ އެންމެ އެކަށޭނެ ޚިދުމަތެއް ކޮށްދޭނެ ފަހުލަވާނުންނާއި، އަބުތާލުން، އުފަންވާ ޤައުމެއްކަން." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
އަދި ކުރިޔަށް އޮތްތާނގައި ވެސް، ދިވެހި ޤައުމަށް ދިމާވާ މި ފަދަ ޚުތޫރަތްތެރި ކޮންމެ ދަނޑި ވަޅެއްގައި ވެސް ޤައުމަށް ޓަކައި ޚިދުމަތްކުރާނެ، ޖިހާދު ކުރާނެ، އަދި ޤުރުބާންވާން ކެރޭ ދަރިން އުފަންވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ ޤައުމީ ދުވަހާ ގުޅިގެން ދިވެހި ލޮބުވެތި ހުރިހައި ރައްޔިތުނަށާއި ޚާއްޞަކޮށް މާލެ ސިޓީގެ ލޮބުވެތި ހުރިހައި ރަށްވެހިންނަށް، ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
ރާއްޖޭގެ ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާ ރަދުންނެވެ. މުޙައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ، ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
ތާރީޚު ދިރާސާކުރައްވާ ބޭފުޅުން، ޕޯޗުގީޒުންގެ އަނިޔާވެރި 15 އަހަރު ސިފަކުރައްވަނީ ”ދިވެހި ކަނޑުތައް ދިވަހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ“ ދުވަސްތަކެއްގެ ގޮތުގައެވެ. މި ޙާދިސާއިން ދިވެހިދަރިން މިއަދު ވެސް ޢިބުރަތް ޙާސިލުކުރަން ޖެހެއެވެ.
ގުޅުންހުރި

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު މިނުގައިކުރިޔަށްދާތީ އުފާކުރަން - އާޒިމް

ޤައުމީ ދުވަހާ ގުޅިގެން މޭޔަރ އާޒިމް: "الله ވަހުޖުފުޅު އަދައިގެން ކުރާ ޖިހާދުން ނަސްރު ލިބޭނެ"





