
ލަންކާގެ ކަނޑުގެ ސަރަހައްދުން 800 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު މަސްބޯޓެއް އަތުލައިގެންފި
# ސްރީ ލަންކާމިއަދު އަތުލައިގަތް މަސްބޯތުން ފެނުނު މަސްތުވާތަކެތި
ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ލަންކާ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން މިއަދު ހެނދުނު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 800 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި އެވެ.
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ 671.45 ކިލޯގެ އައިސް (ކްރިސްޓަލް މެތަމްފެޓަމިން) އާއި 191.75 ކިލޯގެ ހެރޮއިން ހިފައިގެން ދަތުރުކުރަމުންދިޔަ މަސްދޯންޏެއް އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން މި ޚާއްސަ އޮޕަރޭޝަންގައި 7 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 58 އަހަރާ ދެމެދުގެ މީހުންނެވެ.
މި އޮޕަރޭޝަނާއި ގުޅޭ މާބޮޑު ތަފްސީލް އަދި މިހާތަނަށް ލަންކާ ފުލުހުން ހާމަކޮށްފައި ނުވެއެވެ. މި އޮޕަރޭޝަންގައި ކަނޑުގެ އަސްކަރިއްޔާއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ހައްޔަރުކުރި މީހުން ލަންކާގެ ނާކޮޓިކްސް ބިއުރޯއާއި މިހާރު ވަނީ ހަވާލުކޮށްފައި އެވެ.