logoEN
Sto top
މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން!

މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން!

އަހުމަދު ޝުރާއު

logo

4/4/2025, 8:03:47 AM

# ހުކުރު ޚުތުބާ

--

މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Wamco

މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ ޢިލްމު އުނގެނުމުގެ މާތްކަމުގެ މައްޗަށެވެ.

އެގޮތުން މިއަދުގެ ހުުތުބާގައި ބުނެފައިވާ ގޮތުގައި ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން މާތްﷲ އަށް ތަޤްވާވެރިވެއެވެ. އެގޮތުން ތަޤްވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވައި މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."

ހުތުބާގައި އިތުރަށް ބުނީ ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމު ކަމަށާއި ނަބީބޭކަލުންގެ ވާރިޘުންނަކީ ޢިލްމުވެރީން ކަމަށެވެ. މިގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. "ހަމަކަށަވަރުން ނަބީބޭކަލުން، ދީނާރާއި ދިރުހަމެއް ވާރުތައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެ ބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފި މީހާ، ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ."

މާތް الله ޢިލްމުވެރީންނަށް ޚާއްޞަކަމެއް ދެއްވައިފައިވާކަން ފާހަގަކޮށް صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. " އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ، ތިޔަބައިމީހުންކުރެ އެންމެ އާދައިގެ މީހާގެ މައްޗަށް ތިމަންކަލޭގެފާނު މާތްވެގެންވާ މިންވަރަށެވެ." އެހެނީ ޢިލްމު އުނގެނުނު ޢިލްމާ އެއްގޮތަށް ޢަމަލުކުރާ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެއެވެ. އެއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށެވެ."

ހުތުބާގައި ބުނީ ޢިލްމުގެ މަޤާމު މަތިވެރި ކަމަށާއި ޢިލްމު އުނގެނުމަށް، ނަބިއްޔާ صلى الله عليه وسلم ވަރަށް ބޮޑަށް ބާރު އެޅުއްވެވި ކަމަށެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠު ކުރެއްވުމުން މިކަން ދޭހަވާ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ.

އަދި ރަސޫލާ صلى الله عليه وسلم މި ބަސްފުޅުން ވެސް ޢިލްމުވެރީންގެ މާތްކަން އެނގއެ ކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނަ ހުތުބާގައި ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން ޙަދީޘްކުރެއްވި ބަސްފުޅުގެ މާނާގައި ވަނީ "މާތް الله ހެޔޮ ގޮތް މެދުވެރިކުރައްވާން އިރާދަކުރައްވައިފި މީހަކު، ދީނުގައި ފިޤްހުވެރި ކުރައްވައެވެ."

ހުތުބާގައި ބުނީ އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށާއި އަހަރެމެންގެ ޢުމުރުން ކޮންމެ ދުވަހަކީ ވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށެވެ އެހެނީ ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަމަކަށްވާތީ ކަމަށާއި އަދި ޢިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެތީ ކަމަށެވެ.

އަދި ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެ ކަމަށާއި އެހެނެއްކަމަކު ޢިލްމު ވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެ ކަމަށެވެ.

ދީނީ ޢިލްމު އުނގެނުން، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެން ވާ ކަމަށާއި ޢިލްމު އުނގެނުމަށް، މާތް الله ގެ ރަސޫލާ صلى الله عليه وسلم އެހައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ އެހެންވެ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެ ކަމަށް އެދި ދުޢާކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވާ ކަމަށާއި މާތް الله ވަޙީކުރައްވާފައިވަނީ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!" ކަމަށް ހުތުބާގައި ވަނީ ބުނެފައި އެވެ.

ހުތުބާގައި ވަނީ މާތް ނަބިއްޔާ صلى الله عليه وسلمގެ އިރުޝާދުފުޅުތަކަށް ތަބަޢަވެ، ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައި އެވެ. އަދި އެ ކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަތުމަށާއި އެއިން ދުނިޔެއާއި އާޚިރަތުގެ މަގު އާރާސްތުކުރުމަށާއި އަމިއްލަ ނަފުސާއި، އަނބިދަރީންނާއި، އަވަށްޓެރީންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާންކަމައި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދޭން ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside