logoEN
cocacola
ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް - ޚުޠުބާ

ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް - ޚުޠުބާ

އައިޝަތު އިފާޝާ

logo

3/1/2024, 8:41:36 AM

# ހުކުރު ޚުތުބާ

ހުކުރު ނަމާދުގެ ތެރެއިން

ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ވަޠަންދެކެ ލޯބިވުން" މި މަޢުޟޫއަށެވެ.

ގޮސިޔާ

ވަޠަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ޠަބީޢަތުގައިވާ ކަމެއްކަން ފާހަގަކުރައްވާ ޚުޠުބާގައި ވަނީ އިސްލާމްދީނަކީ އިންސާނީ ފިޠުރަތާއި، އިންސާނިއްޔަތުގެ ދީން ކަމަށް ވާތީ، އެ ދީން މިކަމާ ދެކޮޅު ނުހަދާކަން ފާހަގަކުރައްވާފައެވެ.

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ޙަމަލާތަކާއެކުވެސް ފަލަސްޠީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަޠަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިއީ މިއަދު ފެންނަމުންދާ ވަޠަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއްކަންވެސް ޚުޠުބާގައި ފާހަގަކުރެއްވުއެވެ.

ޚުޠުބާގައި ވިދާޅުވީ ވަޠަންދެކެ ލޯބިވާމީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަޠަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެކަމަށެވެ.

މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެންކަމަށާއި ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެންކަން ޚުޠުބާގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެއްކަން ފާހަގަކުރައްވާ ޚުޠުބާގައި ވަނީ މާތް ﷲ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވާފައިވާކަން ހަނދުމަކޮށްދެއްވާފައެވެ. އަދި މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ގިނަކަން ފާހަގަކުރައްވާ ޚުޠުބާގައި ވަނީ މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް އެކަތިގަނޑަކަށް ވާން ޖެހޭކަމަށެވެ.

"އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅާލާން އެބަޖެހެއެވެ. ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހެއެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙިއްޞާ އަދާކުރުން ހިމެނޭކަމަށާއި ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުމެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޚުޠުބާގައި ވަނީ ޞާލިޙު އިންސާނުން ބިނާކުރުމާއި، ކޮންމެ މީހަކުވެސް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންތައްކަމަށެވެ. އަދި ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ޤައުމުގައި ރިވެތި އަޚްލާޤާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަޚްލާޤީ ޢަމަލުތަކުން ޤައުމު ޠާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭކަމަށް ހުކުރު ޚުޠުބާގައި ފާގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ