
--
ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީ ހިދުމަތް ފެށުމަށް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް ކުރެވޭ ދަތުރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދަތުރުކުރައްވައި ބޭފުޅުންނަށްއިތުރު ފުރިހަމަކަމަކާ އެކު މިޚިދުމަތް ދިނުމަށްޓަކައި އެ ކުންފުނިން ކުޑަގިރިއަށް އައު ފެރީގެ ޚިދުމަތެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަލަށް ފެށިގެން މިދާ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 1446 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހު ކަމަށާއި މި ޚިދުމަތް ރަސްމީކޮށް ފެށުން ފާހަގަކުރުމުގެ ގޮތުން އީދަށް ޚާއްސަ ޝެޑިއުލްއަކާއި އެއްގޮތަށް ފިތުރު ޢީދު ދުވަހު ޚާއްޞަ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފިޠުރު ޢީދާއި ގުޅިގެން އަންނަ އިތުރު ބަންދު ދުވަސް ތަކުގައި ދަތުރުތައް ރޭވިފައިވާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ޝެޑިއުލްއާއި އެއްގޮތަށް ކަމުގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
- އީދު ދުވަހު : މާލެ - ކުޑަގިރި | 09:00 އަދި 10:30 ގައި
- އީދު ދުވަހު: ކުޑަގިރި - މާލެ | 16:00 އަދި 17:30 ގައި
- ކޮންމެ ހުކުރު އަދި ހޮނިހިރުގައި : މާލެ - ކުޑަގިރި | 06:30 , 08:00 އަދި 09:30 ގައި
- ކޮންމެ ހުކުރު އަދި ހޮނިހިރުގައި : ކުޑަގިރި - މާލެ | 16:00 , 17:30 އަދި 19:00 ގައި
އެމްޓީސީސީން ބުނީ އަލަށް ފެށިގެން މިދާ ފެރީގެ ޚިދުމަތުގެ ދަތުރުތައް ހަމަޖެހިފައިވަނީ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި މާލެ ހެންވޭރު ފެރީ ޓަރމިނަލްއިން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެ ހެންވޭރު ފެރީ ޓަރމިނަލްއަށް ކަމަށެވެ. އަދި މި ދަތުރުތަކުގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮޅަކަށް 70 ރުފިޔާ ކަމަށާއި ފަސިންޖަރުންނަށް ފަސޭހަ އަދި އަރާމު ދަތުރުތަކެއް ފޯރުކޮށްދިނުމަށްޓަކައ،ި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ އެއަރކޮންޑިޝަން ފެރީތައް ކަމަށެވެ. މި ދަތުރުގެ ދިގު މިނަކީ 35 މިނެޓްއެވެ.
ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްޓީއެލްގެ އޮންލައިން ޕޯޓަލް ( ) މެދުވެރިކޮށް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. އަދި ފިތުރު ޢީދު ދުވަސް ކަށަވަރުވުމާއެލު މިރޭ ނުވަތަ މާދަމާރޭ 09:00 ގެ ފަހުން ކުޑަގިރީގެ ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.